ދުނިޔެ

ތުރުކީގެ ރިޔާސީ އިންތިޚާބު އުރުދުޣާން ކާމިޔާބު ކުރައްވައިފި

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ރައީސްކަމުގެ ތިންވަނަ ދައުރަކަށް ހޮވިވަޑައިގެންފިކަން އެ ގައުމުގެ ސްޕްރީމް އިލެކްޝަން ކައުންސިލުން އިއުލާންކޮށްފި އެވެ.

ސްޕްރީމް އިލެކްޝަން ކައުންސިލުން އުރުދުޣާންގެ ނަތީޖާ އިއުލާންކުރުމުގެ ކުރިން އެ މަނިކުފާން ވަނީ ކާމިޔާބީ އިއުލާންކުރައްވައި ރައްޔިތުންނަށް ޝުކުރުއަދާކުރައްވާފަ އެވެ.

ތުރުކީގައި އިއްޔެ އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ރައީސް އުރުދުޣާން ކާމިޔާބުކުރެއްވީ 52.14 ޕަސެންޓް ވޯޓު ހޯއްދަވައިގެންނެވެ. އިދިކޮޅު ކެންޑިޑޭޓް ކަމާލް ކިރިޖްދަރޫޣުލޫއަށް ލިބިވަޑައިގަތީ 47.86 ޕަސެންޓް އެވެ. މި ނަތީޖާއާ އެކު ސްޕްރީމް އިލެކްޝަން ކައުންސިލުން މިހާރު ވަނީ ނަތީޖާ ރަސްމީކުރަން ނިންމާފަ އެވެ.

ދެވަނަ ބުރުގައި އުރުދުޣާން އިންތިޚާބު ކާމިޔާބުކުރައްވާފައި މިވަނީ އިދިކޮޅަށް ވުރެ 2.2 މިލިއަން ވޯޓު އިތުރަށް ހޯއްދަވައިގެންނެވެ.

ތުރުކީގައި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހުނީ މި މަހު 14 ގައި އޮތް ފުރަތަމަ ބުރުގައި ވާދަކުރެއްވި ހަތަރު ކެންޑިޑޭޓުންގެ ތެރެއިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓުގެ 50 ޕަސެންޓް ލިބިވަޑައި ނުގަތުމުންނެވެ.

އުރުދުޣާން ދެވަނަ ބުރަށް ނުކުމެ ވަޑައިގެންނެވިއިރު -- ފުރަތަމަ ބުރުގައި ތިންވަނަ ލިބިވަޑައިގެންނެވި ސިނާން އަވްޖާން އޮތީ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އަށް ބައިއަތު ހިއްޕަވާފަ އެވެ. އުރުދުޣާނަށް ދެވަނަ ބުރުގައި ލިބިވަޑައިގެންނެވި ކާމިޔާބީގެ ފަހަތުގައި ސިނާންގެ އެއްބާރުލުން ވަރަށް ބޮޑެވެ.

މި އިންތިހާބުގައި ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ ވެސް ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އެވެ. އެއީ 49.51 ޕަސެންޓެވެ. އިދިކޮޅު ކޯލިޝަން ކެންޑިޑޭޓް ކަމާލް ކިރިޖްދަރޫޣުލޫއަށް ލިބިވަޑައިގަތީ ވޯޓުގެ 44.88 ޕަސެންޓް އެވެ.

ތުރުކީގެ ސްޕްރީމް އިލެކްޝަން ކައުންސިލުން ނަތީޖާ އިއުލާންކުރުމުގެ މާކުރިން ވެސް އުރުދުޣާނަށް އިންތިޚާބު ކާމިޔާބުކުރެއްވޭނެކަން އޮތީ ކަށަވަރުވެފަ އެވެ. ވޯޓުލާން ނުކުތް މީހުންގެ ތަރުހީބުން އުރުދުޣާނަށް ވަނީ އިދިކޮޅަށް އަރާހަމަނުކުރެވޭ ވަރުގެ އަދަދެއް ކަށަވަރުކުރެވިފަ އެވެ.

އުރުދުޣާނަށް ތުރުކީގެ ރައީސްކަން 2014 ގައި ލިބިވަޑައިގަތުމުގެ ކުރިން 11 އަހަރު ބޮޑުވަޒީރުގެ މަގާމު އަދާކުރެއްވި އެވެ.

އުރުދުޣާން އަކީ ގައުމީ ވަންތަ އަދި ބޭރުގެ ނުފޫޒުން -- ޚާއްސަކޮށް ޔޫރަޕަށް ބަރޯސާނުކޮށް ގައުމު ހިންގެވުމަށް ލޯބިކުރައްވާ ލީޑަރެކެވެ. ގައުމު ތަރައްގީކުރެއްވމަށް ވަރަށް ބޮޑަށް ބާރުއަޅުއްވައި އަދި އަމަލީ ގޮތުން ސާބިކުކޮށްދެއްވާފައިވާ ރައީސެކެވެ.

އުރުދުޣާން އިތުރު ދައުރަކަށް ހޮވިވަޑައިގަތުމާ ގުޅިގެން އަރަބި އެކުވެރި ގައުމުތަކުން ދަނީ މަރުހަބާ ކިޔަމުންނެވެ. ތުރުކީއާ ގާތް ގުޅުން ދަމަހައްޓަމުން ގެންދާ ބައެއް އެހެން ގައުމުތަކުން ވެސް ވަނީ އުރުދުޣާނަށް ރައީސްކަން ލިބިވަޑައިގަތުމުން އުފާކުރައްވާ ކަމަށް ވިދާޅުވެ މަރުހަބާ ދަންނަވާފަ އެވެ.