ތުރުކީ

ތުރުކީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު މާދަމާ، ދުނިޔެ އިންތިޒާރުގައި

ތުރުކީގައި މާދަމާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ބައްވާއިރު ތުރުކީ މިވަނީ އިގްތިސޯދީ ގޮތުން ކޮންމެވެސް ވަރަކަށް އަޑިއަޅާލާފަ އެވެ. ތުރުކީ ވަށައިގެންވާ އަވަށްޓެރި ގައުމުތައް ވަނީ ހަނގުރާމައިގަ އެވެ. މިހެން ކަންކަން ހުރިއިރު ތުރުކީ މިވަނީ ގައުމިއްޔަތުގެ އާ ރޫހަކާއެކު އާމިސްރާބަކަށް ދަތުރު ފަށާފަ އެވެ. މާދަމާގެ އިންތިހާބަށްފަހު ތުރުކީ ދަތުރުކުރަންވީ މަގު ސާފުވެގެންދާނެ އެވެ.

ތުރުކީ އިންތިހާބުގެ ފުރަތަމަ ބުރުގައި މިހާރުގެ ރައީސް ޣުރުދުއާން ވަނީ ވާދަވެރި ކެންޑިޑޭޓް -- ކިލިޖްދަރުޟޫއަށް ވުރެ އިތުރަށް ފަސް ޕަސެންޓު ވޯޓު ކާމިޔާބުކުރައްވާ ރޭހުގެ އެއްވަނަ ހޯދާފަ އެވެ. އެހެންވެ އިންތިހާބުގެ ދެވަނަ ބުރަކަށް މާދަމާ ޣުރުދުއާން ނިކުމެވަޑައިގަންނަވަނީ އެންމެ މަގުބޫލު ކެންޑިޑޭޓްގެ ގޮތުގަ އެވެ.

އިސްލާމީ ލީޑަރުންގެ ތެރޭގައި މިއަދު ހިމެނޭ އެންމެ ނުފޫޒުގަދަ ލީޑަރުންގެ ތެރޭގައި ހިމެނޭ ޣުރުދުއާންއަށް އިންތިހާބު ކާމިޔާބުވުމުގެ ފުރުސަތު ބޮޑުވީ މި އިންތިހާބުގެ ފުރތަމަ ބުރުގައި ތިންވަނަ ހޯއްދެވި ސިނާން އޫއާންގެ ތާއީދު ޣުރުދުއާންއަށް ލިބިވަޑައިގަތުމުންނެވެ.

ރިޔާސީ އިންތިހާބާއި ޕާލިމެންޓްރީ އިންތިހާބު މިމަހުގެ 14 ގައި އެއްފަހަރާ ބާއްވާފައިވާއިރު ކަނާއަތު ފިޔައިގެ ކުދި ޕާޓީތައްވެސް ވަނީ ތުރުކީގެ ގާނޫނު ހަދާ މަޖިލީހުގެ ހަތަރު ބައިކުޅަ އެއްބައި ގޮނޑި ހޯދާފަ އެވެ.

ތުރުކީގެ ވަރުގަދަ އުސްމާނީ ހިލާފަތް ނިމުނުތާ 100 އަހަރު ފުރުމަށް ތައްޔާރުވަމުން އަންނައިރު ތުރުކީގެ ރައްޔިތުންގެ މެދުގައި އޮތް ވަރުގަދަ ގައުމިއްޔަތުގެ ރޫހާ މެދު މުހައްލިލުން ވަނީ އަޖައިބުވެފަ އެވެ.

ތުރުކީއާ ވަކިވެވަގަތުމަށް މަސައްކަތް ކުރާ ކުރުދީ ހަނގުރާމަވެރިންނާ ގުޅުން އޮންނަ ކަމަށް އަޑު އަރާފައިވާ އިދިކޮޅު ކެންޑިޑޭޓް ކިލިޖްދަރުޟޫ އަށް އެކަމާ ގުޅިގެން ކޮންމެވެސް ވަރެއްގެ ފާޑުކިޔުންތަކެއް އަމާޒްވެފައިވާއިރު ވަރުގަދަ އިސްލާމީ ގައުމިއްޔަތެއްގެ އޮއެވަރު ރައީސް ޣުރުދުއާނާ އެކު ވަނީ ވަރުގަދަ ވެފަ އެވެ.

މާދަމާ ބާއްވާ އިންތިހާބަކީ ތުރުކީގެ މުސްތަގްބަލް ކުރިއަށް އޮތް ފަސް އަހަރަށް ކަނޑައެޅިގެންދާނެ އިންތިހާބަށްވާއިރު މުޅި ދުނިޔޭގެ ލޯ އަމާޒުވެފައި މިވަނީ ތުރުކީ ރައްޔިތުންގެ ނިންމުމަށެވެ.