ދުނިޔޭގައި ތުރުކީއަށް މިއަދު ގަދަރު ދެމެހެއްޓުމަށް އޮތް އެންމެ ރަނގަޅު ގޮތަކަށް ވާނީ ރަޝިއާ، ޗައިނާއާ އެކު އޮތުން ކަމަށް ޚިޔާލު ހޯދުމުގެ ވޯޓަކުން ދައްކައިފި އެވެ.
ތުރުކީގެ އާންމުންގެ މެދުގައި ޚިޔާލު ހޯދަން ނެގި ވޯޓަކުން -- ޔޫރަޕާއި އެމެރިކާގެ ސަބަބުން ތުރުކީއަށް ކުރާ ފައިދާއަށް ވުރެ ރަޝިއާ، ޗައިނާއާ އެކު އޮންނަ ގާތް ގުޅުމުގެ ސަބަބުން ތުރުކީއަށް މާބޮޑަށް ފައިދާކުރާ ކަމަށް ޖުމުލަ ވޯޓުގެ ތިންބައިކުޅަ އެއްބަޔަކަށް ވުރެ ގިނައިން ވަނީ ބުނެފަ އެވެ.
އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަންއާ އެކު ތުރުކީ އޮތުމަށް ތާއިދުކުރާ ތުރުކީ މީހުން ގިނަ އެވެ. އެހެންނަމަވެސް މި އަދަދު ދުވަހަކަށް ވުރެ ދުވަހެއް އަންނަނީ ދަށްވަމުންނެވެ.
މާޗް 2022 ގައި ހިޔާލު ހޯދުމަށް ނެގި ވޯޓަށް ހުޅަނގާ އެކު ތުރުކީ އޮތުމަށް ތާއީދުކުރީ 39 ޕަސެންޓެވެ. މިފަހުން ނެގި ވޯޓުން 46.9 ޕަސެންޓް އެވެ.
އެހެން ނަމަވެސް ރަޝިއާ، ޗައިނާއާ އެކު ގުޅުން ބަދަހިކުރަން ތާއީދުކޮށް މާޗް 2022 ގައި 29.5 ޕަސެންޓް ވަނީ ވޯޓު ދީފަ އެވެ. މިދާކަށް ދުވަހު ނެގި ވޯޓުގައި 35.5 ޕަސެންޓް ވަނީ ތާއީދުކޮށްފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ވޯޓުގެ ނަތީޖާއިން ދައްކަނީ ރަޝިއާ، ޗައިނާ ފަޅިއަށް ތުރުކީގެ އާންމުން ލެނބޭ މަންޒަރެވެ. އަދި ރަޝިއާ އާއި ޗައިނާގެ ފަރާތުން ތުރުކީއަށް ކުރާ ފައިދާ ބޮޑު ކަމަށް ގިނަ ބަޔަކު ގަބޫލުުރާ ކަމެވެ.
ތުރުކީގައި މިފަހަރު އޮތް ރިޔާސީ އިންތިޚާބުގައި ރައީސް އުރުދުޣާންއަށް ތާއީދުކުރި ގިނަ މީހުން ވެސް ބޭނުން ވަނީ ހުޅަނގަށް ވުރެ ބޮޑަށް ތުރުކީން ރަޝިއާ، ޗައިނާއަށް އިސްކަން ދިނުމަށެވެ.
އިންތިހާބުގައި އިދިކޮޅަށް ތާއީދުކުރި ގިނަ މީހުން އޭގެ އަނެއް ކޮޅެވެ. އެ މީހުން ގަބޫލުކުރާ ގޮތުގައި ތުރުކީއަށް ކުރިމަގު އޮތީ ހުޅަނގުގަ އެވެ. އަދި އެމެރިކާ އާއި ޔޫރަޕިން ޔޫނިއަންއާ އެކު ގުޅުން ބަދަހިކޮށް ކުރިމަގު ފައްސި ކުރުމަކީ ތުރުކީއަށް އެންމެ ރަނގަޅު ގޮތެވެ.
ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވެސް ގެންގުޅުއްވަނީ ހުޅަނގާ ފޭވުމުގެ ވިސްނުމެވެ. ހާޖަތެއް ޖެހިވަޑައިގެން ނޫން ގޮތަކަށް ހުޅަނގަށް ދޫދެއްވުމަކީ އުރުދުޣާންގެ ވިސްނުމެއް ނޫނެވެ.