ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗުގައި ފްރާންސާއި މޮރޮކޯ ބައްދަލުކުރާ މެޗު ގަތަރުގައި ވަގުތުން ބަލާލުމަށް އުރީދޫ ފުޓްބޯލް ފޯރީ ލަކީ ޑްރޯގެ ހަތަރު ނަސީބުވެރިންނަށް އުރީދޫ މޯލްޑިވްސް އިން މިއަދު ރަސްމީކޮށް ޓިކެޓް ހަވާލުކޮށްފި އެވެ.
މި ލަކީޑްރޯ ކުރިއަށް ގެންދިޔައީ ސުޕަނެޓް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނާއި ޕްރީޕެއިޑް ރީޗާޖް ކުރި ކަސްޓަމަރުންނާއި އުރީދޫ ބިލަށް ފައިސާ ދެއްކުމާއި މޫލީ މެދުވެރިކޮށް ޝޮޕިން ކުރި ކަސްޓަމަރުން ނުވަތަ އެމް-ފައިސާގެ ހިދުމަތުގެ މުއާމަލާތް ކުރި ކަސްޓަމަރުންގެ މެދުގައެވެ.
މިއީ މި އަހަރުގެ އޮގަސްޓް މަހުގެ ދެވަނަ ދުވަހުން ފެށިގެން އޮކްޓޫބަރުގެ ނިޔަލަށް އުރީދޫ މޯލްޑިވްސް އިން ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ލަކީޑްރޯ އެކެވެ.
އުރީދޫ ފުޓްބޯލް ފޯރި ލަކީ ޑްރޯގެ ނަސީބުވެރިން އެންމެ ފުރަތަމަ ހޮވާފައިވަނީ މިދިޔަ ނޮވެމްބަރު ހަތްވަނަ ދުވަހު އެވެ.
ފުރަތަމަ ހޮވުނު ނަސީބުވެރިންގެ ތެރެއިން ބައެއް ފަރާތްތަކަށް ދަތުރު ނުކުރެވޭތީ މިއަދު ރެޑްރޯއެއް ނަގާފައިވާ ކަމަށްވެސް އުރީދޫ މޯލްޑިވްސް އިން ބުނެ އެވެ.
ގަތަރަށް ދަތުރުކުރާ ނަސީބުވެރިންނަކީ އުރީގެ ޕްރީޕެއިޑް ކަސްޓަމަރުން ކަމަށްވާ މުހައްމަދު އަބްދުލް ސައްތަރު، އަހްމަދު މައުރޫފް، އަހްމަދު ޝިހާމް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރު ހާފިޒް ސައީދެވެ.
ނަސީބުވެރިންނަށް ގަތަރަށް ރިޓާން ޓިކެޓާއި އެކޮމޮޑޭޝަންގެ އިތުރުން ފްރާންސާއި މޮރޮކޯ ބައްދަލުކުރާ ސެމީ ފައިނަލް މެޗު ބެލުމަށް ސްޓޭޑިއަމްގެ ޓިކެޓް އުރީދޫ އިން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެ އެވެ. ނަސީބުވެރިން ގަތަރުގައި ހަަތަރު ދުވަހާއި ތިން ރޭ ތިބޭއިރު ފީފާ ވޯލްޑް ކަޕްގެ ހަރަކާތްތަކުގެ އިތުރުން ދޯހާ ސިޓީގެ ރީތިކަމާއި ސަގާފަތް ތަޖުރިބާކޮށްލުމަށް ފުރުސަތު ލިބޭނެ އެވެ.
ލަކީޑްރޯ އަކީ އުރީދޫ ފުޓްބޯލް ފޯރީ ކެމްޕޭންގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބި ރައްޔިތުންނަށް އުފާވެރި އަދި ކުލަގަދަ ވޯލްޑް ކަޕްގެ ތަޖުރިބާއެއް ހޯދައިދިނުމުގެ މަގްސަދުގައި އުރީދޫ އިން ފެށި ގިނަ ހަރަކާތްތަކާއި ހާއްސަ އޮފާތަކުގެ ތެރޭގައި ހިމެނޭ ހަރަކާތެކެވެ.
ލަކީޑްރޯގެ އިތުރުން އުރީދޫ މޯލްޑިވްސް އިން ވަނީ އެ ކުންފުނީގެ ބްރޭންޑް އެމްބެސެޑަރު ހަބޭސް ބޮޑުބެރާ އެކު ހާއްސަ ލަވައެއް ވެސް ތައާރަފްކޮށްފަ އެވެ. މީގެ އިތުރުން އުރީދޫން ވަނީ އާޓިފިޝަލް ބީޗްގައި ކުޑަކުދިންނަށް ހާއްސަ ފުޓުބޯޅައިގެ ހަވީރެއްވެސް ބާއްވާފަ އެވެ.
ފީފާ ވޯލްޑް ކަޕްގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށް، މެޗުތަކުގެ އުފާ ގިނަ ބަޔަކަށް ހޯދައިދިނުމުގެ ގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އުރީދޫ ފަންޒޯންތައް ވެސް ވަނީ ގާއިމުކޮށްފަ އެވެ.