އުރީދޫ

އުރީދޫގެ މުވައްޒަފުންނަށް ހާވާޑުން ތަމްރީން ދެނީ

އުރީދޫ މޯލްޑިވްސްގެ ލީޑަޝިޕް ޑިވެލޮޕްމަންޓް ޕްރޮގްރާމް، ޝަރަފުވެރި ހާވާޑް ޔުނިވަސިޓީއާ ގުޅިގެން ކުރިއަށް ގެންދާކަން އިއުލާންކޮށްފި އެވެ.

އުރީދޫ އިން މި ޕްރޮގްރާމު ފެށީ 2021 ވަނަ އަހަރު އެވެ. މިއީ މިފަދަ ޔުނިވާސިޓީއަކުން މުވައްޒަފުންނަށް ތަމްރީނު ފޯރުކޮށްދޭ ފުރަތަމަ ފަހަރެވެ.

މި ޕްރޮގްރާމަކީ މުވައްޒަފުން ބާރުވެރިކޮށް ކުރިއަރުވައި، ދުނިޔޭގެ ފެންވަރުގެ ތަމްރީނާއި، ހުނަރާއި، ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އުރީދޫން ބުނީ ކޮންމެ އަހަރަކުވެސް އުރީދޫގެ އުއްމީދީ ދެ ލީޑަރުން މި އިންޓެންސިވް ޕްރޮގްރާމުން ގްރެޖުއޭޓްވެ، ކުންފުނީގެ ކުރިއެރުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ ކަަމަށެވެ.

އުރީދޫ މޯލްޑިވްސްގެ ޗެއާޕާސަން އަދި ގްރޫޕް އެޗްއާރު އެންޑް ސަސްޓެއިނަބިލިޓީ އޮފިސަރު ފާތިމާ އަލް ކުވާރީ ވިދާޅުވީ ހަވާޑް ޔުނިވަސިޓީގެ ލީޑަޝިޕް ޕްރޮގްރާމު ފުރިހަމަ ކުރާ އުރީދޫ ޓީމުގެ މުވައްޒަފުންނާ މެދު ފަހުރުވެރިވާ ކަމަށެވެ.

"މި ބޭފުޅުންގެ ވިސްނުންތަކަކީ ހަގީގަތުގައިވެސް އަޅުގަނޑުމެންގެ ކުންފުނީގެ މުސްތަގުބަލް ރަމްޒުކޮށްދޭ، އަމިއްލަ ކުރިއެރުމާއި ލީޑަޝިޕް ޑިވެލޮޕްމަންޓަށް އެބޭފުޅުން ދެއްވާ އަހައްމިއްޔަތުކަން ކަށަވަރުކޮށްދޭ ކަމެއް. އުރީދޫގައި އަޅުގަނޑުމެންގެ ހުރިހާ މާކެޓެއްގައިވެސް ހުނަރުވެރިކަން ތަރުބިއްޔަތުކޮށް، ލީޑަޝިޕް ކުރިއެރުވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެވޭ،" ފާތިމާ އަލް ކުވާރީ ވިދާޅުވި އެެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ހާލިދު އަލްހަމާދީ ވިދާޅުވީ ލީޑާޝިޕް ޑިވެލޮޕްމަންޓް ޕްރޮގްރާމަކީ އިލްމީ ލީޑަޝިޕެއް އަދި އުފެއްދުންތެރިކަމުގެ ސަގާފަތެއް ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ބައެއް ކަމަށެވެ.

"ދަސްވެނިންނާ މެދު އަޅުގަނޑުމެން ވަރަށް ފަހުރުވެރިވަން. އެ މީހުންގެ ކުރިއެރުން ރަމްޒުކޮށްދެނީ ރާއްޖޭގައި ޓެލެކޮމިއުނިކޭޝަން އަދި ހިދުމަތް ފޯރުކޮށްދިނުމުގައި އާ މިންގަނޑުތަކެއް ކަނޑައެޅުމަށް އުރީދޫއިން ކުރާ މަސައްކަތް،" އޭނާ ވިދާޅުވި އެވެ.

އުރީދޫ މޯލްޑިވްސްގެ ޑިރެކްޓާ އެޗްއާރް ފަޒްނާ މަންސޫރު ވިދާޅުވީ އުރީދޫ ތަރައްގީ ކުރަނީ މުވައްޒަފުން ކުރިއަރުވައިގެން ކަމަށާއި މި ޕްރޮގްރާމަކީ އަމިއްލަ އަދި ޕްރޮފެޝަނަލް ކުރިއެރުމަށް ހިތްވަރު ލިބޭ ތަޖުރިބާއެއް ކަމަށެވެ.