ފިނިޕޭޖް

އޭން ރައިސްގެ މޭފެއާ ވިޗަސް ޓީވީއަށް އަންނަނީ

"އިންޓަވިއު ވިތް އަ ވެމްޕަޔާ" އާއި "ކުއީން އޮފް ދަ ޑޭމްޑް" ފަދަ ވެމްޕަޔާ ވާހަކަތަކުގެ ލިޔުންތެރިޔާ އޭން ރައިސްގެ އިތުރު ވާހަކައަކަށް އޭއެމްސީ އިން ޓީވީ ސީރީޒެއް ހަދަނީ އެވެ.

"މޭފެއާ ވިޗަސް" އަކީ އޭން ރައިސްގެ "ދަ ލައިވްސް އޮފް ދަ މޭފެއާ ވިޗަސް" އަށް ބިނާ ކުރާ ސީރީޒެކެވެ.

މި ސީރީޒްގައި ލީޑް ރޯލް -- ޑރ. ރޯވަން ފީލްޑިންގެ ރޯލް އަދާކުރަނީ 36 އަހަރުގެ އެލެކްޒެންޑްރިއާ ޑަޑާރިއޯ އެވެ.

"ޕާސީ ޖެކްސަން" ފިލްމްތަކުން މަޝްހޫރުވި އެލެކްޒެންރިއާ ޑަޑާރިއޯ އަކީ "ޓްރޫ ޑިޓެކްޓިވް" އާއި "ނިއު ގާލް" އާއި "ވައިޓް ލޮޓަސް" ފަދަ ކާމިޔާބު ޕްރޮޖެކްޓްތަކުގައި މަސައްކަތްކޮށްފައިވާ ތަރިއެކެވެ.

އެލެކްޒެންޑްރިއާގެ އިތުރުން ހެރީ ހެމްލިން، ޓޮންގަޔި ޗިރީސާ އާއި ޖެކް ހިއުސްޓަން ވެސް މި ސީރީޒްގައި ހިމެނެ އެވެ.

މި ސީރީޒްގެ މައިގަނޑު ޕްލޮޓަކީ ނިއުރީ ސާޖަން ޑރ ރޯވަން ފީލްޑިންއަށް އޭނާ އަކީ ވަރަށް ބާރުގަދަ ވިޗުންގެ ދަރިފަސްކޮޅެއްގެ ވާރުތަވެރިއެއްކަން ދެނެގަނެ، އޭނާ އެކަމާ ކުރިމަތިލާ ތަނެވެ. މި ދަރިފަސްކޮޅަކީ ގޯސް ރޫހެއް އަވަލާފައިވާ ދަރިފަސްކޮޅެކެވެ.

އަށް ޕާޓްގެ މި ސީރީޒް ޑައިރެކްޓް ކުރަނީ މައިކަލް އަޕެންޑާލް އާއި އެކްސެލް ކެރޮލައިން އެވެ.

""މޭފެއާ ވިޗަސް" ރިލީޒްކުރަނީ އަންނަ މަހުގެ އަށްވަނަ ދުވަހު އެވެ.