ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންގެ މިކްސް ޑަބަލްސް ރޭންކިންގެ 100 ޕެއާގެ ތެރޭގައި ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދިވެހި ކުޅުންތެރިންގެ ޕެއާ އެއް ހިމެނިއްޖެ އެވެ. މި ޝަރަފް ހޯދީ މިކްސް ޑަބަލްސްގައި ގިނަ ކާމިޔާބީތަކެއް ހޯދަމުން އަންނަ ރާއްޖޭގެ މުހައްމަދު ޒަޔާން ޒަކީ އާއި ފާތިމަތު ނަބާހާ (ނަބާ) ގެ ޕެއާ އެވެ.
ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންގެ ވޯލްޑް ރޭންކިންގައި ޒަޔާން އާއި ނަބާހާ ވަނީ މިކްސް ޑަބަލްސްގެ 99 ވަނައިގައި ހިމެނިފަ އެވެ. މީގެ ކުރިން ޒަޔާން އާއި ނަބާހާ ރޭންކު ކުރެވިފައި ވަނީ 113 ވަނައިގަ އެވެ. މިފަހަރު 99 ވަނަ އަށް ކުރިއަށް ޖެހިލިއިރު ޒަޔާން އާއި ނަބާހާ އަށް ވަނީ 12670 ޕޮއިންޓް ލިބިފަ އެވެ. މިއީ 14 ދަރަޖައިގެ ކުރިއެރުމެކެވެ.
ގަދަ 100 ގައި ބެޑްމިންޓަނުން މީގެ ކުރިން ހިމެނުނީ އަންހެން ޑަބަލްސް އިންނެވެ. 2020 ވަނަ އަހަރު ދުނިޔޭގެ ރޭންކިންގެ 93 ވަނައިގައި ހިމެނުނީ ނަބާހާ އާއި އާމިނަތު ނަބީހާ އަބްދުއްރައްޒާގް (ނަބީ) އެވެ.
ދެ ފަހަރު ދުނިޔޭގެ ގަދަ 100 ޕެއާގެ ތެރޭގައި ހިމެނުމަކީ ނަބާހާ އަށް ހާއްސަ ޝަރަފަކެވެ. އަނެއްކޮޅުން ޒަޔާން އަކީ އެއްވެސް އިވެންޓަކުން ދުނިޔޭގެ ރޭންކިންގެ 100 ޕެއާގެ ތެރޭގައި ހިމެނުނު ފުރަތަމަ ކުޅުންތެރިޔާ އެވެ.
މި ދެކުޅުންތެރިންގެ ޕެއާ ދުނިޔޭގެ ގަދަ 100 ގެ ތެރެއަށް ވަނުމުގައި ފަހަކަށް އައިސް ހޯދި ބައިނަލްއަގްވާމީ ކުރިއެރުން ފާހަގަކުރެވެ އެވެ. މި ޕެއާ ވަނީ 2017 ވަނަ އަހަރު މޮރިޝަސްގައި ބޭއްވި މުބާރާތަކުން ރާއްޖެ އަށް މިކްސް ޑަބަލަސްގެ މެޑަލް ގެނެސްދީފަ އެވެ. 2019 ވަނަ އަހަރު ޕާކިސްތާނުގައި އޮތް މުބާރާތެއްގައި ޒަޔާން އާއި ނަބާހާ ވަނީ ރަން މެޑަލް ހާސިލްކޮށްފަ އެވެ. މީގެ އިތުރުން 2020 ވަނަ އަހަރު ޔޫގެންޑާގައި އޮތް މުބާރާތުގައި މިކްސް ޑަބަލްސްގެ ބައިން ވެސް މި ދެކުޅުންތެރިން މެޑަލް ހޯދި އެވެ.
ރާއްޖޭގައި ބާއްވާ ގައުމީ ބެޑްމިންޓަން މުބާރާތުގެ މިކްސް ޑަބަލަސް ބައިގެ ޗެމްޕިއަންކަން މިދިޔަ ހަތަރު ފަހަރު ވެސް ހޯދީ ޒަޔާން އާއި ނަބާހާގެ ޕެއާ އެވެ.