މޯލްޑިވްސް ކަސްޓަމްސް ސާވިސް

މިދިޔަ މަހު 4.6 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކުރި

ރާއްޖެއަށް މިދިޔަ ނޮވެމްބަރު މަހު 4.6 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހަށްވުރެ މިއަހަރުގެ ނޮވެމްބަރު މަހު ރާއްޖެއަށް މުދާ އިމްޕޯޓްކުރި މިންވަރު ވަނީ 15 އިންސައްތަ އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖެއަށް އިމްޕޯޓްކުރީ ހަތަރު ބިލިއަން ރުފިޔާގެ މުދަލެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅާބަލާއިރު މިއަހަރުގެ ނޮވެމްބަރު މަހު ކަސްޓަމްސް އަށް ލިބުނު އާމްދަނީ ވަނީ 11 އިންސައްތަ އިތުރުވެފަ އެވެ. މިދިޔަ މަހު ކަސްޓަމްސް އަށް ވަނީ 359 މިލިއަން ރުފިޔާ ލިބިފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނީ 322 މިލިއަން ރުފިޔާ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓްކުރީ އޮމާނުންނެވެ. އޮމާނުން 761 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު އެއީ ނޮވެމްބަރު މަހުގެ ޖުމުލަ އިމްޕޯޓުގެ 17 އިންސައްތަ އެވެ. ދެވަނައަށް އެންމެ ގިނައިން މުދާ އިމްޕޯޓުކުރީ އިންޑިއާއިންނެވެ. އެގައުމުން 760 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކުރި އެވެ. ޔޫއޭއީ އިން ވަނީ 594 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފަ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހަށްވުރެ މިއަހަރުގެ ނޮވެމްބަރު މަހު ރާއްޖޭގެ އިމްޕޯޓް އިތުރުވި ނަމަވެސް ރާއްޖޭގެ އެކްސްޕޯޓް ވަނީ ދަށަށް ގޮސްފަ އެވެ.

މިއަހަރުގެ ނޮވެމްބަރު މަހު ރާއްޖެއިން ވަނީ 168 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތަށްވުރެ ފަސް އިންސައްތަ ދަށްވުމެކެވެ. މިދިޔަ މަހު ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކުރީ ތައިލެންޑަށެވެ.