މިނިސްޓްރީ އޮފް ހެލްތު

ޓާޝަރީ ހޮސްޕިޓަލްތައްް އަންނަ އަހަރު ނިމޭނެ: މިނިސްޓަރު

ސަރުކާރުން މިހާރު ހަދަމުންދާ ޓާޝަރީ ހޮސްޕިޓަލްތައް އަންނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމު ވިދާޅުވެއްޖެ އެވެ.

އަވަސްއަށް ދެއްވި އިންޓަވިއުއެއްގައި ހެލްތް މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވީ ޓާޝަރީ ހޮސްޕިޓަލްތައް ނިމޭނެ ސީދާ ތާރީހެއް ދަންނަވަން ދަތި ކަމަށާއި ނަމަވެސް މަސައްކަތްތައް ކުރިއަށްދާ ގޮތަށް ބަލާއިރު އަންނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގައި ހޮސްޕިޓަލްތައް ނިންމާލެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އަލަށް ހަދާ ޓާޝަރީ ހޮސްޕިޓަލްތަކަށް ބޭނުންވާ މެޝިނަރީއާއި ވަސީލަތްތައް ހޯދުމުގެ މަަސައްކަތް ކުރަމުންދާ ކަމަށާއި ޓާޝަރީ ހޮސްޕިޓަލް ތަކުގެ މަސައްކަތް އަވަހަށް ނިންމުމަށްޓަކައި މިނިސްޓްރީން ކުރަންޖެހޭ މަސައްކަތްތައް ބާރަށް ކުރިއަށް ގެންދާ ކަމަށެވެ. ޓާޝަރީ ހޮސްޕިޓަލްތަކަށް ބޭނުންވާ ގިނަ ޑޮކްޓަރުންނާއި ނަރުހުން ގެނައުމަށް ހަމަޖެހިފައިވަނީ ބޭރުގެ ގައުމުތަކުން ކަމަށްވެސް ވިދާޅުވި އެވެ.

"ރާއްޖޭގައި އެބައުޅޭ މަތީ ފެންވަރަކަށް ދެވޭނެވަރުގެ މޮޅު ޑޮކްޓަރުންނާއި ނަރުހުން. ނަމަވެސް އެފަދަ ފަރާތަތައް މަދީ. މިވަގުތު ޔުނިވާސިޓީ އިން ހިންގާ މެޑިކަލް ސްކޫލްގައި ފުދޭވަރަކަށް ގިނަ ޑޮކްޓަރުން ތަމްރީނު ވަމުން އެބަދޭ. އެކަމަކު އެބޭފުޅުންގެ ހިދުމަތް ލިބެންފަށާނީ ހަތަރު ފަސްވަރަކަށް އަހަރު ފަހުން" އާދަމް ނަސީމް ވިދާޅުވި އެވެ.

ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތަކެއް ހެދުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. ސަރުކާރުން ޓާޝަރީ ފެންވަރަށް ތަރައްގީ ކުރަމުންދާ ފަސް ހޮސްޕިޓަލަކީ ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި، ލ. ގަމު ރީޖަނަލް ހޮސްޕިޓަލާއި، ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އިތުރުން އައްޑު ސިޓީ ހިތަދޫގައި ތަރައްގީކޮށްފައިވާ ޓަޝަރީ ހޮސްޕިޓަލެވެ.

މި ފަސް ޓާޝަރީ ހޮސްޕިޓަލްގެ އިތުރުން އެހެން ހޮސްޕިޓަލްތަކެއް ޓާޝަރީ ފެންވަރަށް ގެނައުމުގެ ވިސްނުމެއް މިވަގުތު ނެތް ކަމަށް މިނިސްޓަރު ވިދާޅުޅުވި އެވެ.

ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ ދިވެހިން ބިނާކޮށް ތަމްރީން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް މިވަގުތު ރާއްޖެއަށް މެޑިކަލް ސްކޫލެއްގެ ގޮތުގައި ވަކި ތަނެއް ހުރުން މުހިއްމު ނުވާ ކަމަށްވެސް ވިދާޅުވި އެވެ. އަދި އެކަމުގެ ސަބަބުވެސް ހިއްސާކުރެއްވި އެވެ. އެގޮތުން ވިދާޅުވީ ގައުމީ ޔުނިވާސިޓީގެ ދަށުން ހިންގާ މެޑިކަލް ސްކޫލްގައި ރާއްޖޭގެ އެކި ހިސާބުތަކަށް ނިސްބަތްވާ ފުދޭވަރަކަށް ގިނަ ޑޮކްޓަރުންނާއި ނަރުހުން ތަމްރީނުވަމުންދާތީ އާއި ޑިމާންޑާ އެއްވަރަށް ކިޔަވައިދެމުންދާތީ މެޑިކަލް ސްކޫލެއްގެ ބޭނުން މިވަގުތު ނެތީ ކަމަށެވެ.

ރާއްޖޭގައި މިވަގުތު މަސައްކަތް ކުރަމުންދާ ނަރުހުން އިތުރު ދާއިރާތަކަށް ހާއްސަކޮށް އެބޭފުޅުންނަށްވެސް ތަފާތު ޓްރެއިނިން ތަކެއް ދޭންޖެހިފައިވާ ކަންވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ނަރުހުންނަށް ޓްރެއިނިން ޕްރޮގްރާމަތަކެއް ރާވަން އެބަޖެހޭ. އަޅުގަނޑުމެން ވާހަކަ ދައްކަމުން މި ގެންދަނީ ބޭރުގެ އެކި އެކި ނަރުހުންގެ ޓްރެއިނިން އިންސްޓިޓިއުޓް ތަކާ. ނަރުހުން އެކި އެކި ދާއިރާތަކަށް ޓްރެއިން ކުރުވުމަށް" ނަސީމް ވިދާޅުވި އެވެ.