ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ނެދަލެންޑްސް އަތުން މޮޅުވި މެޗުގައި އާޖެންޓީނާގެ ކުޅުންތެރިންގެ ފަރާތުން ފެނުނު އަމަލުތައް ދިފާއުކޮށް ކޯޗު ލިއޮނެލް ސްކަލޯނީ ވާހަކަދައްކައިފި އެވެ.
ހޫނުވެގެން ދިޔަ މެޗުގައި 18 ރީނދޫ ކާނޑު ވަނީ ދައްކައިފަ އެވެ. ޕެނަލްޓީ ޖަހައިގެން މޮޅުވި ވަގުތު އާޖެންޓީނާގެ ކުޅުންތެރިން ވަނީ ނެދަލެންޑްސްގެ ކުޅުންތެރިންނަށް ބޭއިހްތިރާމް ވާގޮތަށް އުފާފާޅުކޮށްފަ އެވެ. މެޗުގެ ތެރޭގަޔާއި މެޗަށް ފަހު ވެސް ދެޓީމުގެ ކުޅުންތެރިންގެ މެޗުގައި ބޮޑެތި ހަމަނުޖެހުން ހިނގި އެވެ. އެމެޗުގައި ހިނގާދިޔަ ކަންކަން ފީފާ އިން މިހާރު އަންނަނީ ބަލަމުންނެވެ.
"އެ މެޗު ކުޅުނީ ދެޓީމުން ވެސް ކުޅެން ޖެހޭ ގޮތަށް. އެއީ ފުޓްބޯޅަ. ބައެއް ފަހަރު އެކަހަލަ ކަންކަން ދިމާވާނެ. ރެފްރީ ހުންނާނެ އެކަންކަން ހުއްޓުވަން. އަހަރެމެން ނެދަލެންޑްސް އަށް އިހުތިރާމް ކުރަން. ހަމަ އެގޮތަށް ކްރޮއޭޝިއާ އަށް ވެސް އިހުތިރާމް ކުރަން" މިރޭ ސެމީ ފައިނަލުގައި ކްރޮއޭޝިއާއާ ދެކޮޅަށް ނުކުތުމުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސްކަލޯނީ ބުންޏެވެ.
މެޗަށް ފަހު އާޖެންޓީނާގެ ކެޕްޓަން މެސީ ވެސް ވަނީ ނެދަލެންޑްސްގެ ކޯޗު ލުއީ ވެން ހާލްއާ މެދު ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފަ އެވެ. އާޖެންޓީނާގެ ކުޅުންތެރިން ދިފާއުކޮށް ސްކަލޯނީ މިސާލަކަށް ނެގީ މިދިޔަ އަހަރު ބްރެޒިލް ބަލިކޮށް ކޮޕާ އެމެރިކާގެ ޗެމްޕިއަންކަން އާޖެންޓީނާ އިން ހޯދިއިރު ކަން ހިނގާދިޔަ ގޮތެވެ.
ވާދަވެރި ބްރެޒިލް ބަލިކޮށް ކޮޕާ އެމެރިކާ ޗެމްޕިއަންކަން އާޖެންޓީނާ އިން ހޯދި މެޗަށް ފަހު ދެޓީމުގެ ކުޅުންތެރިންގެ ފަރާތުން ވެސް ފެނުނީ ކުޅިވަރުގެ އަހްލާގް ކަމަށް ސްކަލޯނީ ބުންޏެވެ. އެ މެޗު ކުޅުނު ބްރެޒިލްގެ މަރަކާނާ ސްޓޭޑިއަމްގައި މެސީ ވަނީ ނޭމާއާ ބައްދަލުކޮށްފަ އެވެ. އެ ފޮޓޯ އެދުވަސްވަރު ވައިރަލްވެ މެސީގެ އަމަލަށް ގިނަ ބަޔަކު ތައުރީފްކުރި އެވެ. ސްކަލޯނީ ބުނީ ބޭއިހްތިރާމް ކުޑަވާ އެއްވެސް އަމަލަކަށް އޭނާ ސަޕޯޓް ނުކުރާނެ ކަމަށެވެ.
ކޯޗު ބުނީ ފުރަތަމަ މެޗުގައި ސައުދީ އަރަބިއާ އަތުން އާޖެންޓީނާ ބަލިވުމުން އެއްވެސް ހަމަނުޖެހުމެއް ނުހިނގާ ކަމަށެވެ. އެހެންވެ އާޖެންޓީނާއާ ގުޅޭގޮތުން ދެކެވޭ އެފަދަ ވާހަކަތައް ހުއްޓާލަން ޖެހޭކަން ސްކަލޯނީ ފާހަގަކުރި އެވެ.
ސްކަލޯނީގެ ކޯޗުކަމުގައި އާޖެންޓީނާ އަންނަނީ މެޗަކަށް ފަހު މެޗެއް ރަނގަޅު ކުރަމުންނެވެ. މުބާރާތުގެ ފުރަތަމަ މެޗުން ބަލިވެ އެޓީމަށް ޕްރެޝަރު ވީނަމަވެސް ފަހުން އެޓީމުން ވަނީ ނަތީޖާ ނެރެފަ އެވެ. ގްރޫޕް ސްޓޭޖުގެ އެއްވަނަ ހޯދިއިރު ދެވަނަ ބުރުގައި އޮސްޓްރޭލިއާ ބަލިކުރި އެވެ. ކުއާޓާ ފައިނަލްގައި ނެދަލެންޑްސް ކަޓުވާލުމަށް ފަހު މިރޭ ނުކުންނާނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ.
ކްރޮއޭޝިއާ އިން ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި 3-0 އިން އާޖެންޓީނާ ބަލިކޮށްފަ އެވެ. މިއީ ކްރޮއޭޝިއާގެ ކިބައިން ބަދަލުހިފަން އާޖެންޓީނާ އަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.
އާޖެންޓީނާ އާއި ކްރޮއޭޝިއާ ވާދަކުރާ މެޗު ފަށާނީ މިރޭ 12 ޖަހާއިރު އެވެ. މެޗު އޮންނާނީ މިފަހަރުގެ މުބާރާތުގެ ފައިނަލް މެޗު ވެސް ކުޅޭ ލުސައިލް ސްޓޭޑިއަމްގަ އެވެ.