ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ދޫކުރާ ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗާ ލައިސަންސް އެ އޮތޯރިޓީން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ދީފި އެވެ.
އެޗްޑީސީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެޗްޑީސީއާއި ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗާ ލައިސަންސް ހަވާލުކޮށްދެއްވީ ކޮމިއުނިކޭޝަންސް އޮތޯރިޓީގެ ޗީފް އެކްޒްކިއުޓިވް އިލްޔާސް އަހުމަދު އެވެ. އެޗްޑީސީގެ ފަރާތުން ލައިސެންސާއި ހަވާލުވެވަަޑައިގަތީ އެޗްޑީސީގެ އެމްޑީ އަހްމަދު އާތިފް އެވެ.
މިގޮތުން މި ލައިސަންސްގެ ދަށުން އެޗްޑީސީއަށް ހުޅުމާލޭގައި މުއާސަލާތީ އިންފްރާސްޓްރަކްޗާ ގާއިމުކޮށް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ބޭނުމަށް މިއިންފްރާސްޓްރަކްޗާ ދޫކުރުމުގެ ހުއްދަ ލިބޭނެ އެވެ.
މިއީ މުއާސަލާތީ ހިދުމަތްތައް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް ބޭނުން ކުރެވޭގޮތަށް ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ ފުރަތަމަ އޯޕަން އެކްސެސް ހުއްދަ އެވެ. މި ލައިސަންސް ރަސްމީކޮށް އެޗްޑިސީއާއި ހަވާލުކުރީ މިއަދު ނަމަވެސް، މީގެ ކުރިން ވެސް ހުއްދައާއި އެކު އެޗްޑީސީ އިން ވަނީ މި މަސައްކަތްކޮށްފަ އެވެ.
"އެޗްޑީސީއަށް ރަސްމީ ލައިސަންސް ދޫކުރީ މުއާސަލާތީ ހިދުމަތްދޭ ފަރާތްތަކުގެ ފުރިހަމަ އިތުބާރު އެ ކޯޕަރޭޝަނަށް ލިބި ފެންވަރު ރަނގަޅު ހިދުމަތްތަކެއް ރައްޔިތުނަށް ފޯރުކޮށްދެވެމުން ދާތީ،" އެޗްޑީސީ އިން ފާހަގަކުރެ އެވެ.
އެޗްޑީސީން ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އޯޕަން އެކްސެސް ނެޓުވޯކެއް ގާއިމުކޮށް، އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެފްޓީޓީއެޗް (ފައިބާ ޓު ދަ ހޯމް)ގެ ހިދުމަތް ވެސް ދޭން ފަށާފަ އެވެ. އަދި މިފަދަ ހިދުމަތެއްގެ ސަބަބުން އިންޓަނެޓު އަދި ޓީވީގެ ހިދުމަތްތަކަށް އިތުރު ފުރިހަމަ ކަމެއް ލިބި، މުއާސަލާތީ ހިދުމަތްދޭ ފަރާތްތަކަށް އަވަސްކަމާއެކު ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް މަގުފަހި ވެގެންދާނެ ކަމަށް ކޮމިއުނިކޭޝަންސް އޮތޯރިޓީ އަދި އަދި އެޗްޑީސީން ގަބޫލުކުރެ އެވެ.