ދިރާގުން އެ ކުންފުނީގެ 2025 ވަނަ އަހަރުގެ ކަލަންޑަރު ކަމަށްވާ "މިނިވަންކަން މަތީ އަބަދަށް" ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގައި ލޯންޗުކޮށްފި އެވެ.
މި ކަލަންޑަރު އިފްތިތާހުކޮށް ދެއްވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މައުރޫފް ޖަމީލާއި އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަން އަހުމަދު ނާސިފް އެވެ.
ކަލަންޑަރު އިފްތިތާހު ކުރީ ހުޅުމާލޭގެ ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތް އިތުރަށް ހަރުދަނާކުރުމަށް އެޗްޑީސީ އާއި ދިރާގު ގުޅިގެން ކުރަމުންދާ މަސައްކަތްތަކާބެހޭ ގޮތުން އެޗްޑީސީއާއެކު ބޭއްވި ބައްދަލުވުމުގަ އެވެ.
ދިރާގުގެ "މިނިވަންކަން މަތީ އަބަދަށް" 2025ގެ ކަލަންޑަރަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި އެކުލަވާލާފައިވާ ކަލަންޑަރެކެވެ.
އެގޮތުން ކަލަންޑަރުގެ ކޮންމެ މަހެއްގައިވެސް ދިވެހި ސަގާފަތާއި އާދަކާދަތަކާ ގުޅުވާފައިވާ ގައުމިއްޔަތު ރަމްޒުކޮށްދޭ ނިޝާނެއް ދައްކުވައިދެ އެވެ. މީގެ އިތުރުން ދިރާގުން ކޮންމެ މަހެއްގައި ދައްކުވައިދޭ ނިޝާނާއި ބެހޭ ވީޑިއޯއެއް ނެރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
މި ވީޑިއޯގައި މިކަމާ ބެހޭ އިތުރު މައުލޫމާތު ހިމެނިފައިވާއިރު މިއީ ދިވެހި ތާރީހާއި ތަރިކަތައް އިތުރަށް އުނގެނުމަށް ބޭނުންތެރި ވަސީލަތެއް ކަމަށް ދިރާގުން ބުނެފައިވެ އެވެ.
ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި ދިރާގުގެ 2025 ވަނަ އަހަރުގެ ކަލަންޑަރު އިފްތިތާހުކުރުމަކީ ވަރަށް ފަހުރުވެރިވާ ކަމެއް ކަމަށެވެ.
"މި ކަލަންޑަރުން އަޅުގަނޑުމެންގެ ގައުމުގެ މިނިވަންކަމާއި މުއްސަނދި ތާރީހު ރަމްޒުކޮށްދޭ ނިޝާންތަކަށް އަލިއަޅުވާލައި ދިވެހީންގެ ސަގާފަތާއި ހަރުދަނާކަމާއި އެއްބައިވަންތަކަން ދައްކުވައިދޭ،" އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.
އިސްމާއީލް ރަޝީދު ވިދާޅުވީ އެޗްޑީސީއަށް އަލަށް އައްޔަން ކުރެއްވި މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލާއި އެޗްޑީސީގެ ބޯޑުގެ ޗެއާމަން އަހުމަދު ނާސިފަށް ދިރާގުގެ 2025 ވަނަ އަހަރުގެ ކަލަންޑަރު ހަދިއްޔާކުރުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
މި ބައްދަލުވުމުގައި އިސްމާޢީލް ރަޝީދު ދެއްކެވި ވާހަކަފުޅުގައި، 2004 ވަނަ އަހަރުގެ އިންޑިޔާ ކަނޑުގެ ސުނާމީ ކާރިސާއަށް 20 އަހަރު ފުރުމުގެ މުނާސަބަތުގައި މިދުވަސް ފާހަގަކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ މައުރޫފް ޖަމީލަކީ އެ ކާރިސާގެ ދަނޑިވަޅުގައި ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަންކަން ވެސް ފާހަގަކުރެއްވި އެވެ. އަދި ސުނާމީ ކާރިސާއަށް ފަހު ގެއްލުން ލިބުނު މުވާސަލާތީ ވިއުގައިގެ ބައިތައް އަލުން މަރާމާތުކޮށް ރަށްރަށުގައި މުވާސަލާތީ ހިދުމަތްތައް އަވަސް ގޮތެއްގައި އަލުން ގާއިމްކުރުމަށް ދިރާގުން ކުޅުނު މުހިންމު ބައިގެ މައްޗަށް އަލިއަޅުވާލި އެވެ.
މީގެ ސަބަބުން ސަރުކާރާއި އެކިއެކި ޖަމިއްޔާޖަމާއަތްތަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުން އައި މަސައްކަތްތައް ހަލުވި ވެގެން ދިޔަކަން ވެސް އިސްމާއިލް ރަޝީދު ފާހަގަކުރެއްވި އެވެ.
ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ޑިޖިޓަލް މުޖުތަމައުތައް ބާރުވެރިކުރުވައި، ރާއްޖޭގައި ދިރިއުޅޭ މީހުންގެ ދިރިއުޅުން މުއްސަނދި ކުރުމަށެވެ.