ހަބަރު

އާ އަހަރަށް މަރުހަބާ ކިޔަން ކްލިޖް ކޮލެޖުން ސައިކަލު ބުރެއް ބާއްވަނީ

ކްލިކް ކޮލެޖްގެ "ވެލްކަމް 2016 ބައިކާރސް ރައިޑް" ގެ ނަމުގައި ކޮންމެ އަހަރަކުވެސް ބާއްވާ ސައިކަލް ބުރު، އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ. ސައިކަލް ބުރު އޮންނާނީ ހުކުރު ދުވަހު ހަވީރު 15:00 -18:00 އަށެވެ.

މި ސައިކަލް ބުރަކީ ކޮންމެ ދިރާސީ އާ އަހަރެއް ފެށުމުގެ ގޮތުން އާ ދަރިވަރުންނަށް މަރުޙަބާ ކިޔުމަށާއި، ދަރިވަރުން އެކަކު އަނެކަކަށް ތައާރަފް ވުމުގެ ގޮތުން އަދި ކްލިކް ކޮލެޖުން ހިންގާ ކޯސްތަކާއި ބެހޭ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމުގެ ގޮތުން ބާއްވާ އިވެންޓެއް ކަމަށް އެ ކޮލެޖުން ބުނެއެވެ. މީ މިިގޮތަށް ބޭއްވޭ ތިން ވަނަ ސައިކަލް ބުރެވެ.

ސައިކަލް ބުރު ފެށުމަށް ހަމަޖެހިފައިވަނީ ޗާންދަނީމަގާއި ކެނެރީމަގާއި ގުޅޭ ކަންމަތިންނެވެ. މި ސައިކަލް ބުރުގައި މާލޭގެ ބޮޑެތި އެކިއެކި މަގުތަކުގައި ދުއްވާ، ނިންމުމަށް ހަމަޖެހިފައިވަނީ ޓީ-ޖެޓީ ސަރަހައްދަށެވެ. އެހެން ފަހަރުތަކެކޭވެސް އެއްގޮތަށް ސައިކަލް ބުރުގައި މިފަހަރުވެސް ކުޑަކުދިންނަށް ހާއްސަ ހަދިޔާތަކާއި، އެކިއެކި ހަރަކާތް ތަކުގެ އިތުރުން ހާއްސަ ލެންޓާރންސް ޝޯއެއް ވެސް އޮންނާނެ ކަމަށް ކްލިކް ކޮލެޖުން ބުނެއެވެ.

ދިރާސީ އާއަހަރަކަށް، އާ ސެމިސްޓަރ އަކަށް ކުލިކް ކޮލެޖުން ކުރިމަތިލާފައި ވަނީ 2015 ވަނަ އަހަރުގެ ވަރަށް ކާމިޔާބު ދެ ސެމިސްޓަރ އަކަށް ފަހުއެވެ. މިދިޔަ އަހަރުގެ ފުރަތަމަ ސެމިސްޓަރ އިން ލިބުނު ތަޖުރިބާގެ އަލީގައި 2015 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރ ވެގެން ގޮސްފައިވަނީ ކޮލެޖުގެ ދަރިވަރުންނަށް ފޯރުކޮށްދިނުމަށް ކަނޑައެޅިފައިވާ ހުރިހާ ލަނޑުދަނޑިތަކެއް އެ ކޮލެޖުގެ މުވައްޒަފުންގެ މިންނެތް މަސައްކަތުން ފޯރުކޮށްދީ، ކޮލެޖުގެ މާހައުލަކީ ކޮލެޖެއްގެ ދަރިވަރުންނަށް ކޮލެޖަކުން ލިބިގެންދާނެ އެންމެފުރިހަމަ "ތައުލީމީ މާހައުލެއް" ކަމުގައި ވެގެން ކަމަށް އެ ކޮލެޖުން ބުނެއެވެ.