ފިނިޕޭޖް

ޓޯނީ ކޮލެޓް ވަރިވަނީ

ފިލްމީ ތަރި ޓޯނީ ކޮލެޓްގެ 20 އަހަރުގެ ކައިވެނި ރޫޅި، ވަރިވާން އުޅޭ ކަމަށް ބުނެފި އެވެ.

ދެމަފިރިންގެ ނަމުގައި އަލުން އެކްޓިވޭޓްކުރި އިންސްތަގްރާމް އެކައުންޓްގެ ޕޯސްޓެއްގައި ބުނެފައިވަނީ ޓޯނީ އާއި ފިރިމީހާ ޑޭވް ގެލަފަސް ގުޅިގެން އެ ނިންމުން ނިންމި ކަމަށާއި ދެމީހުންވެސް އެކަކު އަނެކަކަށް ކެއާކޮށް އިހްތިރާމު ކުރާ ކަމަށެވެ. ދެ މީހުންވެސް ދަރިންގެ ކަންކަމުގައި އާއިލާއެއްގެ ގޮތުގައި ކުރިއަށްދާނެ ކަމަށްވެސް ބުންޏެވެ.

މި ދެމަފިރިންނަށް 14 އަހަރުގެ ސޭޖް ފްލޯރެންސް އާއި 11 އަހަރުގެ އާލޯ ރޮބަޓްސަން ލިބިފައިވެ އެވެ.

ޓޯނީ އާއި ޑޭވް ވަރިވާ ކަމަށް އިއުލާންކުރުމުގެ ކުރިން ޑޭވް އެހެން އަންހެނަކާ އެކު އޮސްޓްރޭލިއާގެ ސިޑްނީގެ ބީޗްގައި ގައިގޯޅިކޮށް އުޅޭ ފޮޓޯތަކެއް ޑެއިލީމެއިލް އިން ވަނީ ބުދަ ދުވަހުގެ ހެނދުނު ޝާއިއުކޮށްފަ އެވެ. އޭގެ ގަޑިއިރުތަކެއް ފަހުން ޓޯނީ ވަނީ އެ ދެމަފިރިން ވަރިވާ ކަމަށް ޕޯސްޓުކޮށްފަ އެވެ.

އުމުރުން 50 އަހަރުގެ ޓޯނީ އާއި 44 އަހަރުގެ ޑޭވް ގެލަފަސް ލޯބީގެ ގޮތުން ގުޅުނީ 2002 ގައެވެ.

ޑޭވް އަކީ އޭރު ގެލްބިސަން ކިޔާ އިންޑީ ރޮކް ބޭންޑެއްގައި ޑްރަމާ އެއްގެ ގޮތުގައި މަސައްކަތްކުރި މީހެކެވެ. ޓޯނީ އަކީ އޭރުވެސް ކާމިޔާބު ފިލްމީ އަދި ޓީވީ ތަރިއެއްގެ އިތުރުން ލަވަ ކިޔާ އަދި ލިޔާ މީހެކެވެ. މި ދެމީހުން ކައިވެނި ކުރީ 2003 ގައެވެ.

ޓޯނީ އަށް ލިބިފައިވާ އެވޯޑްތަކުގެ ތެރޭގައި އެކަޑަމީ އެވޯޑް، އެމީ އެވޯޑް، ގޯލްޑަން ގްލޯބް، ސްކްރީން އެކްޓާސް ގިލްޑް އެވޯޑް އަދި ބަފްޓާ އެވޯޑް ހިމެނެ އެވެ.