ފިނިޕޭޖް

ޖޭމްސްއަށް "އެވެޓާ 2"ގެ ޕްރީމިއާއަށް ނުދެވޭނެ

ތޭރަ އަހަރުގެ ދިގު އިންތިޒާރަކަށްފަހު އަންނަ ހޮނިހިރު ދުވަހު ރިލީޒްކުރާ "އެވެޓާ"ގެ ސިކުއެލް "އެވެޓާ: ދަ ވޭ އޮފް ވޯޓާ"ގެ ލޮސް އެންޖަލަސް ޕްރީމިއާ އަށް ޕްރޮޑިއުސަރު އަދި ޑައިރެކްޓާ ޖޭމްސް ކެމެރަން އަށް ނުދެވޭނެ އެވެ.

ޑިޒްނީގެ ތަރުޖަމާނަކާ ހަވާލާދީ ދަ ހޮލީވުޑް ރިޕޯޓާ އިން ބުނީ ޖޭމްސް އަށް ކޮވިޑް-19 ޖެހިފައިވާ ކަމަށެވެ. ޖޭމްސް ވެސް މިކަން ވަނީ އޮންލައިންކޮށް ބޭއްވި އިވެންޓެއްގައި ހާމަކޮށްފަ އެވެ.

މި ފިލްމުގެ ޕްރީމިއާތަކަށް ވޭތުވެ ދިޔަ ދުވަސްތަކުގައި ޖޭމްސް އައީ އެކި ގައުމުތަކަށް ޒިޔާރަތްކުރަމުންނެވެ. އެގޮތުން ޖަޕާންގެ ޓޯކިޔޯއިން އަނބުރާ އައިއިރު ފާޑަކަށް ބަރުކަމެއް އިހްސާސްކުރެވިގެން ކޯވިޑަށް ޓެސްޓުކުރިއަރު ޕޮޒިޓިވްވީ ކަމަށާއި އެހެން މީހުންގެ ރައްކާތެރިކަމަށްޓަކައި ޕްރިމިއާ އަށް ދިއުން ރަނގަޅު ނޫން ކަމަށް ޖޭމްސް ބުންޏެވެ.

2009 ގައި ނެރުނު "އެވެޓަ" އަކީ މިހާތަނަށް ބޮކްސް އޮފީހުގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދި އެއް ފިލްމެވެ.

މި ފިލްމު ވަނީ ތިން އޮސްކާ އެވޯޑާއި އެހެނިހެން ބައެއް އެވޯޑްތައް ވެސް ހާސިލްކޮށްފަ އެވެ. އަދި މި ފިލްމުގެ ސިކުއެލް ވަނީ ގޯލްޑަން ގްލޯބް 2022 ގައި ބެސްޓް ފިލްމް އަށާއި ބެސްޓް ޑައިރެކްޓާ އެވޯޑަށް ނޮމިނޭޓްވެފަ އެވެ.

"އެވެޓާ"ގެ ދެ ފިލްމުގައިވެސް މައިގަނޑު ރޯލްތައް އަދާކޮށްފައިވަނީ ސޭމް ވޯތިންޓަން އާއި ޒޯއީ ޒަލްޑާނާ އާއި ސިގޯނީ ވީވަ އަދި ސްޓީވަން ލޭން ފަދަ ތަރިންނެވެ. މީގެ އިތުރުން ސިކުއެލްގައި ކޭޓް ވިންސްލެޓް، ވިން ޑީސަލް، މިޝޭލް ޔޯ، ޖިއޮވާނީ ރިބީސީ އާއި ކްލިފް ކާޓިސް ފަދަ ތަރިން ވެސް ހިމެނެ އެވެ.