ކުޅިވަރު

މެސީ ނުހިފެހެއްޓުނު، އާޖެންޓީނާ ވޯލްޑް ކަޕް ފައިނަލަށް

ލިއޮނެލް މެސީ ދެއްކި ތަފާތު މޮޅު ކުޅުމާ އެކު 0-3 އިން ކްރޮއޭޝިއާ ބަލިކޮށް ފީފާ ވޯލްޑް ކަޕްގެ ފައިނަލަށް އާޖެންޓީނާ ދަތުރުކޮށްފި އެވެ.

މިއީ އާޖެންޓީނާ ވޯލްޑް ކަޕް ފައިނަލަށް ދަތުރުކުރި ހަ ވަނަ ފަހަރެވެ. އެޓީމުން ވަނީ 1978 އަދި 1986 ވަނަ އަހަރުގެ ޗެމްޕިއަންކަން ހޯދާފަ އެވެ. 1930، 1990 އަދި 2014 ވަނަ އަހަރުގެ ފައިނަލުގައި ބަލިވި އެވެ. 2014 ވަނަ އަހަރު ފައިނަލުގައި ޖަރުމަނު އަތުން ބަލިވީ މެޗުގެ ފަހު ވަގުތު އެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފް އާޖެންޓީނާ އިން ނިންމާލީ ދެ ގޯލު ކުރީގައި އޮވެގެންނެވެ. ލިބުނު ޕެނަލްޓީއަކުން 34 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ މެސީ އެވެ. މިއީ ހޫލިއަން އަލްވަރޭޒް އަށް ކްރޮއޭޝިއާގެ ގޯލްކީޕަރު ޑޮމިނިކް ލިވަކޮވިޗް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ.

މެސީގެ މި ގޯލަކީ ވޯލްޑް ކަޕްގެ ތާރީހުގައި އޭނާ ޖެހި 11 ވަނަ ގޯލެވެ. އަނެއްކޮޅުން މި މުބާރާތުގައި މިހާތަނަށް ޖެހި ފަސް ގޯލާ އެކު މެސީ ވަނީ ލަނޑު ލިސްޓުގެ އެއްވަނަ އަށް އަރައިފަ އެވެ. މެސީއާ އެކު ލަނޑު ލިސްޓުގެ އެއްވަނައިގައި އޮތީ އޭނާއާ އެކު ޕީއެސްޖީ އަށް ކުޅޭ ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ އެވެ.

އާޖެންޓީނާގެ ދެވަނަ ގޯލު 39 ވަނަ މިނެޓުގައި ޖެހީ އަލްވަރޭޒް އެވެ. އަމިއްލަ ހާފުން މެސީ ދިން ބޯޅަ ހޯދުމަށް ފަހު އަލްވަރޭޒް ވަނީ ބާރު ދުވެލީގައި ގޮސް ގޯލަށް ބޯޅަ ފޮނުވާލާފަ އެވެ.

ދެވަނަ ހާފުގައި އާޖެންޓީނާގެ ލީޑު ފުޅާކޮށްދިން ލަނޑު 69 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ވެސް އަލްވަރޭޒް އެވެ. އެކަމަކު މިއީ މެސީގެ އާދަޔާހިލާފު ހުނަރުން އަލްވަރޭޒް ޖެހި ލަނޑެކެވެ. އޭރިޔާ ބޭރުން ކްރޮއޭޝިއާގެ ޑިފެންޑަރު ޔަސްކޯ ގަވަޑިއޮލް ކައިރިން ވަރަށް މޮޅަށް ނައްޓާލުމަށް ފަހު އޭރިޔާ ތެރެއަށް ވަދެ މެސީ އަލްވަރޭޒަށް ދިނުމުން އޭނާ ވަނީ އެއް ފަހަރުން ޖަހައި ގޯލަށް ބޯޅަ ވައްދާލާފަ އެވެ.

މިއީ ކްރޮއޭޝިއާ އަތުން އާޖެންޓީނާ ހިފި ރަނގަޅު ބަދަލު ހިފުމެކެވެ. 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ކްރޮއޭޝިއާ އިން ވަނީ 3-0 އިން އާޖެންޓީނާ ބަލިކޮށްފަ އެވެ.

ފައިނަލުގައި އާޖެންޓީނާ ނުކުންނާނީ ފްރާންސާއި މޮރޮކޯ ވާދަކުރާ ދެވަނަ ސެމީ ފައިނަލުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. މި ދެޓީމު ވާދަކުރާ ސެމީ ފައިނަލް މެޗު ފަށާނީ މިރޭ 12 ޖަހާއިރު އެވެ.