ހަބަރު

އާ މިސްކިތް އަޅަން މާވެޔޮ މިސްކިތް ތަޅާލައިފި

ތިން ބުރީގެ އާ މިސްކިތެއް އެޅުމަށް، މާވެޔޮ މަގުގައި ހުންނަ މަސްޖިދު ބަހާއުއްދީން (މާވެޔޮ މިސްކިތް) ތަޅާލައިފި އެވެ.

މާވެޔޮ މިސްކިތް ހުރި ތަނުގައި ބޮޑު މިސްކިތެއް އަޅަނީ އަމިއްލަ ފަރާތަކުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. އާ މިސްކިތް އެޅުމަށް ތައްޔާރުވުމުގެ ގޮތުން މާވެޔޮ މިސްކިތް ބަންދުކުރީ މިދިޔަ މަހުގެ ފަހުކޮޅުގަ އެވެ.

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އަހުމަދު ވިދާޅުވީ އެ ތަނުގައި އާ މިސްކިތެއް އަޅަން ބޭނުންވެގެން އެދުނު ފަރާތަކީ އެ މިސްކިތާ ވަރަށް ގުޅިފައިވާ ފަރާތެއް ކަމަށެވެ. އަދި އެ މިސްކިތް ތަޅާލައި އެތަނުގައި ބޮޑު މިސްކިތެއް އަޅަން އެ ފަރާތުން އެ މިނިސްޓްރީގައި އެދުނީ އަމިއްލަޔަށް ޑިޒައިން ވެސް ތައްޔާރުކޮށް ނިންމާފައި ކަމަށް ވިދާޅުވި އެވެ.

ބަހާއުއްދީން މިސްކިތަކީ ގާތްގަނޑަކަށް 400 މީހުންގެ ޖާގައިގެ މިސްކިތެކެވެ. ނަމަވެސް އެ މިސްކިތް ބޮޑުކުރުމަށްފަހު އަލުން ހުޅުވާއިރު، ކުރީގެ ދެގުނަ ޖާގަ އެ މިސްކިތުގައި ހުންނާނެ ކަމަށް ޑެޕިއުޓީ މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ މި އަހަރުގެ ފަހުކޮޅު މިސްކިތް ހުޅުވޭނެ ކަމަށް އެ މިސްކިތް އަޅާ ފަރާތުން ލަފާކޮށްފައިވާ ކަމަށެވެ.