ފިނިޕޭޖް

ސްކްރީމް 6ގެ ޓްރޭލާ ނެރެފި

ޕެރެމައުންޓް ޕިކްޗާސް އިން ސްލޭޝާ ފިލްމް "ސްކްރީމް"ގެ ހަވަނަ ފިލްމުގެ ޓްރޭލާ ނެރެފި އެވެ.

މިފަހަރު ގޯސްޓްފޭސް މީހުން މަރާތަން ފެންނަނީ ނިއު ޔޯކްގެ ސަބްވޭ ޓްރޭންގަ އެވެ.

މި ފިލްމުގެ ޓްރޭލާއިން ފެންނަނީ ސޭމް ކާޕެންޓާ (މެލިސާ ބަރޭރާ) އާއި، ޓާރާ ކާޕެންޓާ (ޖެނާ އޯޓޭގާ) ދެ ބެންގެ ރައްޓެހިން ޗެޑް (މޭސަން ގުޑިންގ) އާއި، މިންޑީ (ޖޭސްމިން ސެވޯއި ބްރައުން) އާއެކު ހެލޮވީންގައި ސަބްވޭގައި ދާތަނެވެ.

ވަށައިގެން އެ ގޯސްޓްފޭސް ކޮސްޓިއުމްގައި ފަސް ވަރަކަށް މީހުން ހުންނަ ތަން ފެނެ އެވެ. އަދި އެތަނުން އެކަކު މި ހަތަރު ކުދިންގެ ސަމާލުކަމަށް އާދެ އެވެ. އެ ގޯސްޓްފޭސް ކައިރި ވާހެން ހީވެ އެވެ. ޓަނެލް އެއްގެ ދަށުން ސަބްވޭ ނިކުންނަ ތަނާ މިންޑީ އަށް ކުރިމަތީގައި ހުރި ގޯސްޓްފޭސް ހަމަލާދޭ ތަން ފެނެ އެވެ. މި ހަތަރު ކެރެކްޓާއަކީ "ސްކްރީމް 5" ގައި ތައާރަފްވި ކެރެކްޓާސް އެވެ.

"ސްކްރީމް"ގެ އޮރިޖިނަލް ލީޑް ކެރެކްޓާ ސިޑްނީ ޕްރެސްކޮޓް (ނީވް ކެމްބްލް) މި ފިލްމުގައި ނުހިމެނެ އެވެ. ނީވް ވަނީ "ސްކްރީމް 5" އާ ހަމައަށް މި ފްރެންޗައިޒްގައި މަސައްކަތްކޮށްފަ އެވެ.

މި ފިލްމްގައި ބައިވެރިނުވުމުގެ ސަބަބަކަށް ނީވް ބުނީ ލިބުނު އޮފާ އެހާ ކަމުނުދާ ކަމެވެ. އެހެންނަމަވެސް މުސްތަގުބަލުގައި އޮފާ ރަނގަޅުނަމަ، އަނެއްކާވެސް މި ފްރެންޗައިޒްއާ ގުޅުމުގެ ފުރުސަތު އެބައޮތް ކަމަށް ނީވް ބުންޏެވެ.

"ސްކްރީމް"ގެ ކެރެކްޓާއެއް ކަމުގައިވާ ޑޭވިޑް އާކެޓްގެ ޑޫވީ ވަނީ ހަވަނަ ބައިގައި މަރާލާފަ އެވެ. ކޯޓްނީ ކޮކްސްގެ ގޭލް ވެތާސް މި ފިލްމުން ފެންނައިރު، މި ކެރެކްޓާ ވާނީ ހަ ފިލްމުން ފެންނަ ހަމައެކަނި ކެރެކްޓާ އަށެވެ. މީގެ އިތުރުން ހޭޑަން ޕެނެޓިއާ، ޑަމަޓް މަލްރޯނީ، ސަމާރާ ވީވިން، ޓޯނީ ރެވޮލޯރީ، ޖޯޝް ސެގާރާ އާއި އިތުރު ތަރިން ވެސް ފިލްމުގައި ހިމެނެ އެވެ.

މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗް 10 ވަނަ ދުވަހު އެވެ.