ފިނިޕޭޖް

ޕެމެލާ އެންޑަސަންގެ ޑޮކިއުމެންޓްރީއެއް

ނެޓްފްލިކްސް އިން އަންނަ މަހުގެ 31 ވަނަ ދުވަހު ޕްލޭބޯއި މޮޑެލް އަދި ފިލްމީ ތަރި ޕެމެލާ އެންޑާސަންގެ ޑޮކިއުމެންޓަރީ "ޕެމެލާ، އަ ލަވް ސްޓޯރީ" ނެރެނީ އެވެ.

މި ޑޮކިއުމެންޓަރީ ނެރޭ ދުވަސް ވަނީ ޕެމެލާގެ މެމޮއާ "ލަވް، ޕެމެލާ" ނެރޭ ދުވަހާ ގުޅުވާފަ އެވެ.

ޑޮކިއުމެންޓަރީ ކުޅުމަށް ޕެމެލާ އެއްބަސްކުރުވާފައިވަނީ އޭނާގެ ދެ ދަރިން، 26 އަހަރުގެ ބްރެންޑަން އާއި 24 އަހަރުގެ ޑިލަން އެވެ. ބްރެންޑަން އާއި ޑިލަން ބޭނުންވީ ޕެމެލާގެ ނަޒަރިއްޔާތުން ވާހަކަ ގެނެސްދޭށެވެ.

"ޕެމެލާ، އަ ލަވް ސްޓޯރީ" ޑައިރެކްޓް ކުރަނީ "ގުޑް ނައިޓް އޮޕީ"ގެ ޑައިރެކްޓާ ރަޔާން ވައިޓް އެވެ.

މި ޑޮކިއުމެންޓަރީގައި މީގެ ކުރިން ފެނިފައިނު ވާ އަމިއްލަ އާކައިވްޑް ފުޓޭޖާއި ފޮޓާ އަދި ޖާނަލް އެންޓްރީތައް ހިމެނޭނެ އެވެ.

"އަހަރެން ކުރިން ޖެހިލުންވިން. އެކަމަކު އޭރަށް ބަލާލީމަ މިހާރު ބާރުވެރިކަން އިހްސާސްވޭ. އަދި އަހަރެންގެ ވާހަކައިން މީހުން އިންސްޕަޔާވެ، ކަންބޮޑުވުންތަކެއް ނެތި މަޖާ ވަގުތު ހޭދަކުރާނެ ކަމަށް ހީކުރަން،" ޕެމެލާ އެންޑާސަން ބުންޏެވެ.

މި ޑޮކިއުމެންޓަރީގައި ޕެމެލާގެ ހަޔާތާ ގުޅުންހުރި ވަރަށް ގިނަ ވާހަކަތަކެއް ގެނެސްދޭނެ އެވެ. މިގޮތުން ޕެމެލާގެ މެމޮއާ ލިޔުމުގެ މަރުހަލާއާއި ބްރޯޑްވޭގެ ޝިކާގޯއި ޕާފޯމްކުރާކަމާއި ދަރިންނާއެކު ވާގުޅުމާއި ލޯބީގެ މާޒީވެސް ގެނެސްދޭނެ އެވެ.

މީގެ އިތުރުން ހޫލޫ އިން މިހާރު ދައްކަމުންދާ ސީރީޒް "ޕޭމް އެންޑް ޓޮމީ"އާ މެދު ޕެމެލާގެ ރިއެކްޝަން ވެސް ދައްކާނެ އެވެ.

ޕެމެލާ ބުނީ އޭނާއަށް ހޫލޫގެ އެ ސީރީޒްގެ ކަންތައްތައް އެނގުނީ "ޕެމެލާ، އަ ލަވް ސްޓޯރީ" ޝޫޓް ކުރަނިކޮށެވެ. ޕެމެލާ ހޫލޫ ސީރީޒް ދެއްކިއިރު އެއްޗެކޭ ނުބުނި ނަމަވެސް، އޭނާގެ އިހްސާސްތައް ގެނެސްދޭން ބޭނުންވާ ކަމަށް ބުންޏެވެ. ނަމަވެސް އެ ސީރީޒް ހެދި ފަރާތުން ބުނަނީ ޕެމެލާއަށް ކޮމެންޓް ހޯދަން އެއްތައް ފަހަރަކު ގުޅި ކަމަށާއި ޕެމެލާ އެއަށް ޖަވާބު ނުދޭ ކަމަށެވެ.

ރަޔާން ވައިޓް ބުނީ މި ޑޮކިއުމެންޓަރީގައި ޕެމެލާގެ ފުރަތަމަ ފިރިމީހާ ޓޮމީ ލީގެ ގިނަ ފުޓޭޖް ފެންނާނެ ކަމަށާއި ޓޮމީގެ އިތުރުން ޕެމެލާގެ އެހެން ފިރިންގެ ވާހަކަވެސް ގެނެސްދޭނެ ކަމަށެވެ.

ޕެމެލާ ވަނީ ހަ ފަހަރަށް ކައިވެނިކޮށްފަ އެވެ. ޕެމެލާގެ އެންމެ ފަހުގެ ފިރިމީހާ ކައިރިން ވަރިވެފައިވަނީ މި ޑޮކިއުމެންޓަރީ ޝޫޓް ކުރުމުގެ ތެރޭގަ އެވެ. ޕެމެލާ އަކީ ވަރަށް ވައިލްޑް ލައިފްސްޓައިލެއް އުޅެމުން އައި މީހެކެވެ.