ހަބަރު

ކުޅުދުއްފުށީ ހޮސްޕިޓަލްގައި ބޮޑެތި މައްސަލަތަކެއް އެބަހުރި: މިނިސްޓްރީ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ގިނަ މައްސަލަތަކެއް އެބަހުރި ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން މިހެން ބުނީ، އެ ހޮސްޕިޓަލްގެ ހާލަތު ބެލުމަށް ކުރި ދަތުރަށްފަހުއެވެ.

މިނިސްޓްރީގެ ފަސް މެންބަރުންގެ ޓީމެއް އެ ހޮސްޕިޓަލަށް ގޮސް ބެލި ބެލުމުގައި ފާހަގަކުރެވުނު ކަންތައްތަކާ ގުޅޭ ގޮތުން "އަވަސް"އަށް މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓްރޭގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ވަހީދު ވިދާޅުވީ، ކުޅުދުއްފުށީ ހޮސްޕިޓަލްގައި ހުރި ގިނަ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އެކަންތައްތައް ޑރ. އަބްދުﷲ ވަނީ އަވަސް އަށް ހިއްސާކުރައްވާފައެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން މިނިސްޓްރީއަށް ފާހަގަވި ކަންތައްތައް:

  • އޮޕަރޭޝަން ތިއޭޓާގައި ކޮންމެހެން ހުންނަން ޖެހޭ ތަކެތި ނެތުން
  • އައިސީޔޫގައި މުހިންމު ބައެއް ތަކެތި ނެތުން
  • ވަކިން އެމަޖެންސީ ރޫމެއް ނެތުން
  • ހޮސްޕިޓަލްގެ މެނޭޖްމެންޓުގައި ގިނަ މައްސަލަތަކެއް ހުރުން
  • ހޮސްޕިޓަލާ އަޅާބަލާއިރު ޑޮކްޓަރުންނާއި ނަރުހުން މަދުވުން
  • ބްލަޑް ބޭންކުގެ ހިދުމަތް އެކަށީގެންވާ ގޮތުގައި ނުދެވުން
  • މުވައްޒަފުންގެ ތަމްރީނުތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދިޔުން

މިނިސްޓްރީން ހެދި އެ ހޮސްޕިޓަލްގެ އެސެސްމަންޓުގެ ނަތީޖާއިން ފާހަގަވި ކަންތައްތައް ހައްލުކުރުމަށް މަސައްކަތް ފަށާފައިވާނެ ކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެކަންކަން އެއްކޮށް ހައްލުކުރުމަށް ކުޑަ ދުވަސްކޮޅެއް ނަގާނެ ކަމަށް ވެސް ވިދާޅުވިއެވެ. ހެލްތް މިނިސްޓްރީން އެ ރަށަށް ދިޔަ ޓީމްގައި މިނިސްޓްރީގެ އިސް ބޭފުޅުންނާއި އައިޖީއެމްއެޗްގެ ޑޮކްޓަރުން ހިމެނެއެވެ.

ޑރ. އަބްދުﷲ މީގެކުރިން އަވަސް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް މި އަހަރުގެ ނިޔަލަށް ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. "ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރުމަކީ އަމާޒެއް. އޭގެ ކުރިން ވެސް ހޮސްޕިޓަލްގެ ކަންކަން ހަރުދާނަކުރާނެ،" ވަހީދު ވިދާޅުވިއެވެ

ޓާޝަރީ ފެންވަރަށް ބަދަލުކުރުމަށް ހޮސްޕިޓަލްގެ ގިނަ ކަންކަން ހަރުދަނާ ކުރުމަށް މިނިސްޓްރީން ނިންމާފައިވާއިރު އޭގެ ތެރޭގައި ޓްރީޓްމެންޓްގެ ފެންވަރާއި އިންސާނީ ވަސީލަތާއި އިކްއިޕްމެންޓްތައް އިތުރުކުރުން ހިމެނޭ ކަމަށް ވެސް ވަހީދު ވިދާޅުވިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ސިޒޭރިއަން ހެދި އައިޝަތު ފަރިޔާލުގެ ލޭ މަނާނުވެ މަރުވި ހާދިސާއާ ގުޅިގެން ކުޅުދުއްފުށީ ހޮސްޕިޓަލްގައި ރައްޔިތުންގެ ބަޔަކު ވަނީ މުޒާހަރާކޮށް ޑިމާންޑްތަކެއް ހުށަހަޅާފައެވެ. އަދި ކުޅުދުއްފުށީގެ ހޮސްޕިޓަލްގެ ފެންވަރު ރަނގަޅުކުރުމަށް ވެސް ވަނީ ގޮވާލާފައެވެ. މިނިސްޓްރީގެ ޓީމް އެ ރަށަށް ދިޔައީ ފަރިޔާލުގެ މައްސަލަ ތަހުގީގުކޮށް، ހޮސްޕިޓަލްގެ ފެންވަރު ދެނެގަތުމަށެވެ.