ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު މިއަހަރު ނިމުމުގެ ކުރިން ކަނޑައަޅަން ކުރިން ނިންމާފައިވީ ނަމަވެސް މި އަހަރު ތެރޭގައި އެކަން ނުކުރެވޭނެ ކަމަށް ހެލްތް މިނިސްޓަރު އަހްމަދު ނަސީމު ވިދާޅުވެއްޖެ އެވެ.
އަވަސްއަށް ދެއްވި އިންޓަވިއުއެއްގައި ހެލްތް މިނިސްޓަރު ނަސީމު ވިދާޅުވީ ބޭސް އެތެރެ ކުރާ އަމިއްލަ ކުންފުނިތަކުގެ ވިޔަފާރިތައް ހިންގުމަށްވެސް ފުރުސަތު ދޭން ޖެހޭ ކަމަށެވެ. ބޭސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައެޅުމުން އެ ފަރާތްތަކުގެ ވިޔަފާރިއަށް ގެއްލުންވުން އެކަށީގެންވާތީ މިފަދަ ކަމެއް ކުރުމުގެ ކުރިން ވިސްނަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ހުންނަ ކަމުގައިވެސް ވިދާޅުވި އެވެ.
"ބޭސްއެތެރެ ކުރާ ޕްރައިވެޓް ފަރާތްތަކަށް ވިޔަފާރިކުރުމުގެ ފުރުސަތު އޮންނަންޖެހޭ. ސަރުކާރުން އިމްޕޯޓުކުރާ ބޭސްތަކުގެ ފެންވަރު އެބަ ހިފަހައްޓަންޖެހޭ. މިފަދަ ކަންތައްތަކާއި ހެދި ބޭސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑަނޭޅިގެން މި އުޅެނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ނަސީމު ވިދާޅުވީ ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު މިއަހަރު ކަނޑަނޭޅުނު ނަމަވެސް ކޮންމެވެސް ހިސާބަކުން އެކަން ކުރުން ލާޒިމު ކަމަށާއި އަވަސް މުސްތަގުބަލެއްގައި އެކަމުގައި ގޮތްތަކެއް ނިންމޭނެ ކަމަށެވެ. އަދި އެކަން ކުރެވޭނެ އެންމެ ފަސޭހަ އެއްގޮތަކީ އާސަންދައިގެ ދަށުން ދޫކުރާ ބޭސްތަކަށް އެ ބޭސްތައް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައަޅައި ތަންފީޒު ކުރުން ކަމުގައި މިނިސްޓަރު ގަބޫލުކުރައްވަ އެވެ.
"މީގެ މައިގަނޑު ވާހަކައަކީ އަޅުގަނޑަށް ހީވަނީ ޕްރައިވެޓް ސެކްޓާއަށް މި ގެންނަ ބޭސް، އެ ބޭހަކީ ސަރުކާރުން ނޫނީ އެސްޓީއޯއިން ގެންނަ ބޭހަކަށް ވާކަށް ނުޖެހެއޭ. ތަފާތު ބޭސް އެތެރެ ކުރެވެންވާނެ ރާއްޖެއަށް. އެކި މީހުން ބޭނުންވާ އެކި ފެންވަރުގެ ބޭސް ހުންނަންޖެހޭނެ. ބައެއް ބޭހަކީ އަގު ބޮޑެތި ބޭސް. އެހެންވީމަ އެފަދަ ބޭސްތަކުގެ އަގު ދަށްކޮށްގެންނެއް ނުވެސް ވިއްކޭނެ. އެހެންވީމާ އާސަންދައިގެ ދަށުން ދޫކުރާ ބޭސްތަކަށް ހަމަޖެއްސިދާނެ ބޭސް ވިއްކޭނެ އެންމެ މަތީ އަގެއް،" ނަސީމް ވިދާޅުވި އެވެ.
ބައެއް ބޭސްތައް ރާއްޖެއިން ނުލިބޭތީ ބައެއް މީހުން ކުރަމުންދާ ޝަކުވާތަކާ ގުޅޭގޮތުންވެސް މިނިސްޓަރު ވަނީ ވާހަކަދައްކަވާފަ އެވެ. އެގޮތުން ވިދާޅުވީ ޑޮކްޓަރުން ބޭސް ސިޓީގައި ޖަހައިދޭ ބައެއް ބޭސް، ބޭސްފިހާރަތަކުގައި ނުހުންނަނީ ބޭހުގެ ބްރޭންޑުތައް ގިނަވެފައި ތަފާތުވުމުން ކަމަށެވެ. އަދި މިފަދަ މައްސަލަ ބަލި މީހުންނަށް ސާފުކޮށްދިނުމަކީ ޑޮކްޓަރުން ކުރަންޖެހޭނެ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.
ބޭސް ނުލިބުމުގެ މައްސަލައަށްވުރެ ބޭސްތަކާ ގުޅޭގޮތުން ރައްޔިތުންނަށް ލިބިފައިވާ މައުލޫމާތު މަދުވުމުގެ މައްސަލަ އަކީ ވެސް ހައްލުކުރަންޖެހޭ ބޮޑު މައްސަލައެއް ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ޑޮކްޓަރު ޕެނަޑޯލް ބޭސްލިސްޓުގައި ޖެހީމަ އެސްޓީއޯއަށް ދިޔައިމަ ނުހުރޭ ޑޮކްޓަރު ޖެހި ޕެނަޑޯލް އެއް. އެހެން ބްރޭންޑެއްގެ ނަމެއްގައި ހުންނަ ޕެނަޑޯލެއް އެސްޓީއޯގައި ހުންނަނީ. އެހިސާބުން އެ ފިހާރައިގައި ބޭސްނެތީ ކަމަށް މި ނިންމަނީ. އެސްޓީއޯއިން ގެންނަ ޕެންޑޯލްގެ ބްރޭންޑު ނުވެދާނެ ޑޮކްޓަރު ޕްރެސްކްރައިބް ކުރި ޕެންޑޯލްގެ ބްރޭންޑަށް. އަކަމަކު އެސްޓީއޯގައި ހުރި ޕެންޑޯލްވެސް އެއީ ހަމަ ބައްޔަށް ބޭނުންކުރެވޭނެ ޕެންޑޯލަކަށް ވެދާނެ. ޑޮކްޓަރު އެބަޖެހޭ އޮޅުންފިލުވައިދޭން ރައްޔިތުންނަށް ބްރޭންޑު ތަފާތުވިޔަސް އެއީވެސް ރަނގަޅު ޕެންޑޯލްކަން" ނަސީމް ވިދާޅުވި އެވެ.
އިޖުތިމާއީ ރައްކާތެރިކަމުގެ އޮނިގަނޑުގެ ތެރެއިން ސަރުކާރުން އެއް ކަމަކަށް އެންމެ ބޮޑު ހަރަދެއް ކުރަމުން އަންނަނީ އާސަންދަ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ސިއްހީ ހިދުމަތް ކަށަވަރުކުރުމަށް ކަމަށް ސަރުކާރުން އަބަދުވެސް ބުނެ އެވެ. އެހެންކަމުން ބޭސް ފިހާރަތަކުން ބޭހުގެ ވިޔަފާރިން އެކަށީގެން ނުވާ މަތީ އަދަދަކުން ފައިދާ ނެގުން ހުއްޓުވުމަށް ބޭސް ވިއްކޭނެ އެންމެ މަތީ އަގު މިއަހަރު ކަނޑައަޅާނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ.