މޯލްޑިވްސް މީޑިއާ ކައުންސިލް

މީޑިއާ ކައުންސިލްގެ ރައީސަކަށް މުސްތަފާ، ނައިބަކަށް ހުސައިން

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސްކަމަށް އަހްމަދު މުސްތަފާ އަދި ނައިބް ރައީސް ކަމަށް ހުސައިން ޝަރީފް ހޮވައިފި އެވެ.

ކައުންސިލުގެ ކުރިއަށް އޮތް ދެ އަހަރަށް ރައީސާއި ނައިބު ރައީސް އިންތިހާބު ކުރީ ކައުންސިލްގެ އާ ދައުރަށް އިންތިހާބުވި މެމްބަރުން މަގާމާ ހަވާލުވުމަށްފަހު އިއްޔެ ބޭއްވި ފުރަތަމަ ޖަލްސާގަ އެވެ.

މީޑިއާ ކައުންސިލުގެ ރައީސްކަމަށް ވާދަކުރެއްވީ ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޓެކްނިކަލް އޮޕަރޭޝަން މެނޭޖަރު އަހްމަދު މުސްތަފާގެ އިތުރުން އާފަތިސް އޮންލައިންގެ ފަރާތުން އަލީ ނިޝާން އެވެ. ރައީސް ކަމަށް މުސްތަފާ ހޮވުނީ ނުވަ މެމްބަރުންގެ ވޯޓުންނެވެ. ނިޝާނަށް ލިބުނީ ހަ ވޯޓެވެ.

ނައިބް ރައީސްގެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެއީ ވަގުތު އޮންލައިންގެ ހުސައިން ޝަރީފް، ވަން އޮންލައިންގެ މުހައްމދު ސިމާއު އަދި އަހްމަދު އާމިން މުހައްމަދެވެ.

ތިން ބޭފުޅުންގެ ތެރެއިން މަގާމަށް އިންތިހާބުވީ ވަގުތު އޮންލައިންގެ ހުސައިން ޝަރީފް އެވެ. ހުސައިންއަށް ހަތް ވޯޓު ލިބުނުއިރު، މުހައްމަދު ސިމާއުއަށް ލިބުނީ ދެ ވޯޓެވެ. އަދި އަމީންއަށް ހަ ވޯޓު ލިބުނެވެ.