ޓޫރިޒަމް

މިމަހު 74،840 ފަތުރުވެރިން ޒިޔާރަތްކުރި

ރާއްޖެއަށް މިމަހު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 74،840 އަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ އަދަދާއެކު މިއަހަރުގެ ޖެނުއަރީ އިން ޑިސެމްބަރު 14 ވަނަ ދުވަހުގެ ނިޔަލަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 1.56 މިލިއަނަށް އަރާފަ އެވެ.

އެ އަދަދަކީ މިދިޔަ އަހަރުގެ އެ މުއްދަތަށްވުރެ 27.6 އިންސައްތަ އިތުރުވުމެކެވެ. ނަމަވެސް ކޮވިޑްގެ ކުރިން 2019 ވަނަ އަހަރާއި އަޅާބަލާއިރު 2.1 އިންސައްތަ ދަށް އަދަދެކެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ މިހާތަނަށް ރާއްޖެއަށް އެވަރެޖްކޮށް ދުވާލަކު 5،346 ފަތުރުވެރިން ޒިޔާރަތްކުރެ އެވެ. އަދި މިމަހު އެވަރެޖްކޮށް ފަތުރުވެރިން 7.3 ދުވަސް ރާއްޖޭގައި ހޭދަކުރެ އެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން މިއަހަރު ޒިޔާރަތްކޮށްފައިވަނީ އިންޑިއާ އިންނެވެ. މިއަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 14.3 އިންސައްތަ --224،640 ފަތުރުވެރިންނަކީ އިންޑިއާ ފަތުރުވެރިން ނެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިއާއިން ނެވެ. އެގައުމުން 189،586 ފަތުރުވެރިން ޒިޔާރަތްކުރިއިރު އެއީ ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 12.1 އިންސައްތަ އެވެ.

އިނގިރޭސިވިލާތުން 168،123 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. އެއީ ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 10.7 އިންސައްތަ އެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ތެރޭގައި ދެން ހިމެނެނީ ޖަރުމަނު، އިޓަލީ، އެމެރިކާ، ފްރާންސް، ސްޕެއިން، ދެކުނު ކޮރެއާ އަދި ސްވިޓްޒަލޭންޑް އެވެ.