ދިރާގު

ގެވެށި އަނިޔާ ހުއްޓުވުމަށް ދިރާގުން ވޯކްޝޮޕެއް

Dec 17, 2022

ދިރާގާއި ހޯޕް ފޯ ވިމެން އެންޖީއޯ ގުޅިގެން ބައިނަލްއަގުވާމީ "16 ޑެސް އޮފް އެކްޓިވިޒަމް" ކެމްޕެއިން ފާހަގަކުރުމުގެ ގޮތުން ޖެންޑާ އެޑްވޮކަސީ ވޯކްޝޮޕެއް ބާއްވައިފި އެވެ.

ސީއެސްއޯތަކާއި އެސްއޯއީތަކުގެ މުވައްޒަފުންގެ އިތުރުން އާންމު ފަރުދުންނަށް އަމާޒުކޮށްފައިވާ މި ވޯކްޝޮޕްގެ މައިގަނޑު މަގުސަދަކީ އަންހެނުންނަށް ކުރާ އަނިޔާތަކުގެ މައްޗަށް އަލިއަޅުވާލައި ގެވެށި އަނިޔާއާއި މިންތީގެ ގޮތުން ދެވޭ އަނިޔާ ހުއްޓުވުމަށް އެއްބާރުލުންދިނުމެވެ.

މިގޮތުން ޖެންޑާ ކޮންސެޕްޓްތަކާއި ޖެންޑާ މެއިންސްޓްރީމިންގްއާއި މިހާރު އަމަލުކުރަމުންދާ ގާނޫނުތަކުގެ އިތުރުން މިންތީގެ ތަފާތުކުރުމާއި ދެކޮޅަށް ވަކާލާތު ކުރުމުގެ ހަރުދަނާ ގޮތްތަކާއި ހޭލުންތެރިކަން އިތުރުކޮށް ގައުމީ ފެންވަރުގައި ކުރެވޭނެ ކަންތައްތަކާއި ބެހޭ ގޮތުން ބައިވެރިންނަށް މަޢުލޫމާތު ދީފައިވެ އެވެ.

ހޯޕް ފޯ ވިމެންގެ ޗެއާޕާސަން އަހުމަދު އަންވަރު ވަނީ އެ ވޯކްޝޮޕް ކުރިއަށް ގެންދިއުމަށް ގުޅިގެން މަސައްކަތް ކުރި ކަމަށްޓަކައި ދިރާގަށް ޝުކުރު އަދާކޮށްފަ އެވެ.

އަހުމަދު އަންވަރު ވިދާޅުވީ އޮފީސްތަކާއި މުއައްސަސާތަކުގެ މުވައްޒަފުންގެ އިތުރުން އާންމުންވެސް މުޖުތަމައުގައި ހިނގާ މިންތީގެ ތަފާތުކުރުމާއި މައްސަލަތަކާއި ބެހޭ ގޮތުން މިހާރަށް ވުރެ ބޮޑަށް ހޭލުންތެރިވެ އެކަންކަން ހައްލުކުރުމަށް ވަކާލާތު ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

ދިރާގުގެ މެނޭޖާ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިިޓީ، ބިޝާރާ ހަމީދު ވިދާޅުވީ ހޯޕް ފޯ ވިމެންއާއިއެކު ޖެންޑާ އެޑްވޮކަސީ ވޯކްޝޮޕަށް އެއްބާރުލުން ދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މިގޮތުން އެކި ދާއިރާތަކުގެ އެކި ބޭފުޅުން އެއް މަގުސަދެއްގައި މި ވޯކްޝޮޕްގައި ބައިވެރިވަޑައިގެންކަމީ ދެމެހެއްޓެނިވި ގޮތެއްގައި މި މަސައްކަތް ކުރިއަށް ގެންދިއުމަށް ލިބިގެންދާ ވަރަށް ބޮޑު ހިތްވަރެއް." ބިޝާރާ ވިދާޅުވި އެވެ.

ހޯޕް ފޯ ވިމެންއަކީ 2010 ވަނަ އަހަރުން ފެށިގެން އަންހެނުންނަށް ކުރާ ހުރިހާ ބާވަތެއްގެ އަނިޔާތައް ހުއްޓާލައި، މިންތީގެ ހަމަހަމަކަމާއި އާންމު ދިރިއުޅުމުގައި އަންހެނުންގެ ބައިވެރިވުން ކުރިއެރުވުމަށް މަސައްކަތްު ކުރާ ޖަމިއްޔާއެކެވެ.