ފީފާ ވޯލްޑް ކަޕް ފައިނަލުގައި މާދަމާ ރޭ އާޖެންޓީނާއާ ދެކޮޅަށް ނުކުންނަން ތައްޔާރުވަމުން އަންނަ ފްރާންސް ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް ރޯގާ ލައްވާލައި ތައްޔާރީތަކަށް ހުރަސް އެޅިއްޖެ އެވެ.
ފްރާންސް ޓީމު ތެރޭގައި ހުމާއި ރޯގާ އުޅޭތާ ދުވަސްކޮޅެއް ވެއްޖެ އެވެ. ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި މޮރޮކޯ އަތުން ފްރާންސް 2-0 އިން މޮޅުވި މެޗުގައި ޑަޔޮޓް އުޕަމެކާނޯ އާއި އެޑްރިއެން ރަބިއޯ ބަލިވެގެން ނުކުޅެ އެވެ. ރިޕޯޓްތައް ބުނާގޮތުން ފްރާންސްގެ މުހިއްމު ދެ ޑިފެންޑަރުން ކަމަށްވާ ރަފައެލް ވަރާން އާއި އިބްރާހިމް ކޮނާޓޭ އަށް ރޯގާ ޖެހި މިހާރު ވަނީ އައިސޮލޭޓް ވެފަ އެވެ.
"ބަލިވި ކުޅުންތެރިން ތިބީ އެކުޅުންތެރިންގެ ކޮޓަރީގައި. ޑޮކްޓަރުން އަންނަނީ ފަރުވާ ކުރަމުން. އަދި ގައިދުރުކަން އިސްކޮށްގެން ޓީމުގެ ކުޅުންތެރިން މި އުޅެނީ" ފްރާންސްގެ ފޯވާޑް އަންޑެލް ކޯލޯ މުއާނީ ބުންޏެވެ.
ބަލިވުމުގެ ސަބަބުން އެންމެ ފަހުން އޮތް ފަރިތަކުރުމުގައި ވަރާން އާއި ކޮނާޓޭ ބައިވެރިއެއް ނުވެ އެވެ.
ފްރާންސްގެ ވިންގް، އުސްމާން ޑެމްބެލޭ ބުނީ ޓީމުގެ ކުޅުންތެރިން ރޯގާ އިން ސަލާމަތްވާ މަސައްކަތްކުރާ ކަމަށާއި، ފައިނަލަށް ހުރިހާ ކުޅުންތެރިން ފިޓްވާނެ ކަމަށް ބެލެވޭ ކަމަށެވެ.
ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނީ ސެމީ މެޗުގައި ނުކުޅެވުނު ރަބިއޯ އާއި އުޕަމެކާނޯ ފައިނަލަށް ފިޓްވާނެ ކަމަށެވެ. އެކަމަކު ވަރާން އާއި ކޮނާޓޭ އަށް ނުކުޅެވޭނަމަ ކޯޗަށް ކުރިމަތިވާނީ ބޮލުގަ ރިހުމެކެވެ.
ވޯލްޑް ކަޕް ފައިނަލުގައި އާޖެންޓީނާއާ ދެކޮޅަށް ނުކުންނައިރު މިއިން ކޮންމެ ޓީމެއް ވެސް ވަނީ މީގެ ކުރިން ދެ ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. މިއީ ފްރާންސް ވޯލްޑް ކަޕް ދިފާއުކުރަން ނުކުންނަ ފަހަރެކެވެ. 2018 ވަނަ އަހަރު އޮތް ރަޝިއާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ފްރާންސް ހޯދީ ކްރޮއޭޝިއާ ބަލިކޮށްގެންނެވެ. އެފަހަރު ދެވަނަ ބުރުގައި ފްރާންސުން ވަނީ 4-3 އިން އާޖެންޓީނާ ބަލިކޮށްފަ އެވެ.
ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި ފްރާންސާއި އާޖެންޓީނާ ވާދަކުރާ މެޗު ފަށާނީ މާދަމާ ރޭ އަށެއް ޖަހާއިރު އެވެ.