ކުޅިވަރު

މޮޑްރިޗް ފަހު މެޗަށް، މޮރޮކޯ ތިން ވަނައިގެ އުއްމީދުގައި

ފީފާ ވޯލްޑް ކަޕްގެ ތިން ވަނަ ހޮވާ މެޗު މިރޭ ކުޅޭއިރު މިއީ ދެޓީމަށް ވެސް ހާއްސަ މެޗެކެވެ. ކްރޮއޭޝިއާ އަށް ބަލާއިރު މިއީ އެގައުމުގެ ތާރީހު ދުށް އެންމެ މޮޅު މިޑްފީލްޑަރު، ލޫކާ މޮޑްރިޗް ވޯލްޑް ކަޕްގައި ކުޅޭނެ ފަހު މެޗެވެ. އަނެއްކޮޅުން ވޯލްޑް ކަޕްގެ ތިންވަނަ ހޯދާ އެފްރިކާގެ ފުރަތަމަ ޓީމަށް ވުމަށް މޮރޮކޯ އޮތީ ކެތްމަދުވެފަ އެވެ.

މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މޮރޮކޯގެ ކޯޗު ވަލީދު ރެގްރާގީ ވަނީ ކްރޮއޭޝިއާގެ 37 އަހަރުގެ މިޑްފީލްޑަރު، މޮޑްރިޗަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ.

"އުމުރުން 37 އަހަރުގައި މޮޑްރިޗް ދައްކަނީ އާދަޔާހިލާފު މޮޅު ކުޅުމެއް. 2018 ވަނަ އަހަރު މޮޑްރިޗް ބެލިންޑިއޯ ހޯދި ސަބަބު ވަރަށް ރަނގަޅަށް ސާފުވޭ. މިއީ މޮޑްރިޗްގެ ފަހު މެޗު ކަމެއް އަހަރެންނަކަށް ނޭނގޭ. މޮޑްރިޗް ޔަގީނުން ވެސް ކުޅޭނީ ތިން ވަނަ ހޯދަން. އެހެންވީމާ މޮރޮކޯ ޖެހޭނެ ވާދަވެރި ކުޅުމެއް ދައްކަން" ރެގްރާގީ ބުންޏެވެ.

ކްރޮއޭޝިއާގެ ކޯޗު ޒްލަޓްކޯ ޑަލިޗް ބުނީ މޮޑްރިޗް ގައުމީ ޓީމަށް ކުޅުން ހުއްޓާލަން އޭނާ ބޭނުންނުވާ ކަމަށާއި، އުއްމީދަކީ 2024 ވަނަ އަހަރު ޖަރުމަނުގައި އޮންނަ ޔޫރޯގައި މޮޑްރިޗް ކުޅުން ކަމަށެވެ.

"ޔޫރޯގައި މޮޑްރިޗް ކުޅުމުގެ ފުރުސަތު ބޮޑު. އެކަމަކު އެކަން ނިންމާނީ މޮޑްރިޗް އަމިއްލަ އަށް" މޮޑްރިޗްއާ ގުޅޭގޮތުން ޑަލިޗް ބުންޏެވެ.

ޑަލިޗް ބުނީ މިއަދުގެ މެޗަކީ މެޑަލް ހޯދަން ކުރަންޖެހޭ ހަނގުރާމައެއް ކަމަށާއި، އޭނާ ދެކެނީ މިއަދުގެ މެޗަކީ ފައިނަލެއް ގޮތުގައި ކަމަށެވެ.

މިފަހަރުގެ ވޯލްޑް ކަޕްގެ ސަޕްރައިޒިން ޓީމަކީ މޮރޮކޯ އެވެ. މުބާރާތުގެ ކުރިން މޮރޮކޯ ސެމީ ފައިނަލަށް ދާނެކަމަށް އެކަކު ވެސް ހީނުކުރެ އެވެ. ރެގްރާގީ ބުނީ ޑިސެމްބަރު 17 ވަނަ ދުވަހު މޮރޮކޯ މިފަހަރުގެ ވޯލްޑް ކަޕްގެ ހަތް ވަނަ މެޗަށް ނުކުންނާނެ ކަމަށް އެކަކު ވެސް ހީނުކުރާނެ ކަމަށެވެ. މިއީ މޮރޮކޯ އަށް ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށް ރެގްރާގީ ބުންޏެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި މި ދެ ޓީމު ހިމެނުނީ އެއް ގްރޫޕެއްގަ އެވެ. ގްރޫޕް ސްޓޭޖުގައި ނޮވެމްބަރު 23 ވަނަ ދުވަހު މި ދެޓީމު ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. ގްރޫޕުގެ އެއްވަނަ މޮރޮކޯ ހޯދިއިރު ކްރޮއޭޝިއާ އަށް ލިބުނީ ދެވަނަ އެވެ.

މިރޭގެ މެޗަށް ނުކުންނައިރު ދެޓީމަށް ވެސް އަނިޔާގެ މައްސަލަތައް ވަނީ ދިމާވެފަ އެވެ. ސެމީ ފައިނަލް މެޗުގައި އަނިޔާވެގެން ބޭލި ޑިފެންޑަރު، ރޯމަން ސައިސް މިރޭގެ މެޗުގައި ނުކުޅޭނެ އެވެ. ރެގްރާގީ ބުނީ ސެމީ މެޗުގައި ސައިސް އެރުވީ ރިސްކެއް ނަގާފައި ކަމަށާއި، އެވަގުތު އެ ރިސްކް ކޮންމެހެން ވެސް ނަގަން ޖެހޭ ކަމަށެވެ. އެކަމަކު 20 މިނެޓު ކުޅުމަށް ފަހު އަނިޔާގެ ސަބަބުން އެ މެޗުގައި ސައިސް ބާލަން ޖެހުނެވެ.

ކްރޮއޭޝިއާގެ މުހިއްމު މިޑްފީލްޑަރު މާސެލޯ ބޮރޮޒޮވިޗް އަނިޔާގެ ސަބަބުން މިރޭގެ މެޗުގައި ކުޅޭނެ ކަމަކަށް ނުބެލެވެ އެވެ. އަނެއްކޮޅުން މިފަހަރުގެ ވޯލްޑް ކަޕްގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ކްރޮއޭޝިއާގެ ޑިފެންޑަރު، ޔޮސްކޯ ގަވާޑިއޯލް ވެސް ހުރީ އަނިޔާގަ އެވެ. އެކަމަކު މެޗުގައި ގަވާޑިއޯލް ފެނުމުގެ ފުރުސަތު އެބައޮތެވެ.

ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި މޮރޮކޯ އާއި ކްރޮއޭޝިއާ ވާދަކުރާ ތިންވަނަ ހޯވާ މެޗު ފަށާނީ މިރޭ އަށެއް ޖަހާއިރު އެވެ.