ހަބަރު

މެޑަމްގެ ފައުންޑޭޝަނުން އިސްލާމީ މަރުކަޒަށް 12 ފަންކާ ހަދިޔާކޮށްފި

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަބަލުން މެޑަމް ފާތިމަތު އިބްރާހިމް އުފައްދަވާފައިވާ، ޞަދަގާތް ފައުންޑޭޝަނުން އިސްލާމީ މަރުކަޒަށް 12 ފަންކާ ހަދިޔާކޮށްފި އެވެ. މި 12 ފަންކާ އަކީ އިސްލާމީ މަރުކަޒުގެ ތިންވަނަ ފަންގިފިލާގައި ބަހައްޓަން ހަދިޔާކުރި ފަންކާތަކެކެވެ.

މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ފަންކާތައް އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްދެއްވީ ޞަދަގާތް ޖަމިއްޔާގެ ފައުންޑާ މެންބަރު އަދި އެ ޖަމިއްޔާގެ ޗެއާ، މެޑަމް ފާތުމަތު އިބްރާހިމެވެ. ކޮންމެ ފަންކަލެއްގެ އަގަކީ 18،500 ރުފިޔާ އެވެ. 

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ، ފަންކާތަކަކީ އިސްލާމީ މަރުކަޒުގެ ތިންވަނަ ފަންގިފިލާގައި ނަމާދުކުރާ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން ޞަދަގާތް ޖަމިއްޔާއިން ދޭ ހަދިޔާއެއް ކަމަށެވެ. ތިންވަނަ ފަންގިފިލާގައި ފަންކާތައް ހުންނަ ގޮތުން ނަމާދުކުރާ ފަރާތްތަކަށް ހޫނުވާކަމުގެ ޝަކުވާތައް މިނިސްޓްރީއަށް ލިބޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިކަމަކީ މިއީ ފެށުމެއް، އިރާދަކުރެއްވިޔާ އެބޭފުޅުންގެ [ޞަދަގާތް ޖަމިއްޔާ] އަމާޒު ހުރި ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމަށް މައުލޫމާތު ލިބެނީ،" މިނިސްޓަރު ޒިޔާދު ވިދާޅުވިއެވެ. 

މިނިސްޓަރު ވިދާޅުވީ، މިސްކިތް ފަދަ ތަންތަނަށްކުރާ ޞަދަގާތްތަކީ އަބަދަށް ދެމިގެންދާނެ ޞަދަގާތްތަކެއް ކަމަށާއި މިފަދަ ޞަދަގާތް އެހެން ޖަމިއްޔާތަކާއި ފަރާތްތަކުން ކުރުމަށް މިނިސްޓްރީން ބާރުު އަޅާ ކަމަށެވެ. އަދި ޞަދަގާތް ޖަމިއްޔާ ފަދަ ހަގު ޖަމިއްޔާއަކުން މިފަދަ ބޮޑު ކަމެއް ކުރުމުން އެކަމަށް މަރުހަބާ ދަންނަވާ ކަމަށް ވެސް ޒިޔާދު ވިދާޅުވި އެވެ.

"އާ ޖަމިއްޔާއެއް ކުޑަ ޖަމިއްޔާއެއް، އެހެނަސް މަސައްކަތުގެ ގޮތުން ބޮޑު، ދިވެހި ރައްޔިތުންނަށް އެތަކެއް ހިދުމަތްތަކެއް ދެމުން އެ ގެންދަވަނީ، މިކަމުގެ ނަތީޖާ މިއަށްވުރެ ފުޅާވެގެންދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ، ޖަމިއްޔާގެ މަސައްކަތް ވަރަށް ފުޅާވެގެންދާތަން މި ފެންނަނީ، މުޖުތަމައުގެ އެކި ފަރާތްތަކަށް ހިދުމަތް ކޮށްދެމުންދާތަން މި ފެންނަނީ، އެހެންކަމުން މިކަމަށްޓަކައި ރައިސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އަނބިކަނބަލުންނަށް ޝުކުރު އަދާކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިދިޔަ ރޯދަ މަހަށް ހާއްސަކޮށްގެން އިސްލާމީ މަރުކަޒުގައި ބޮޑު ދެ ފަންކާއެއް ވަނީ ހަރުކޮށްފަ އެވެ. އެ ދެ ފަންކަލަކީ ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ އާއިލާއިން އިސްލާމީ މަރުކަޒަށް ދެއްވި ހަދިޔާއެކެވެ.