އެމްޑީޕީ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ޖެނުއަރީ 28ގައި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ޖެނުއަރީ 28 ގައި ބޭއްވުމަށް އެޕާޓީން ނިންމައިފި އެވެ.

އެޕާޓީން ބުނި ގޮތުގައި ޕްރައިމަރީގައި ވާދަކުރުމަށް ފޯމު ހުށަހެޅޭނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ގެންދަވަނީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ތައްޔާރުވަމުންނެވެ. ނަމަވެސް ރަސްމީކޮށް އެކަން އަދި އިއުލާންކުރައްވާފައެއް ނުވެ އެވެ.

އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން ޕްރައިމަރީގައި ވާދަކުރުމަށް ޕާޓީގެ 500 މެންބަރުންގެ ތާއީދާއެކު މިމަހުގެ 24 ވަނަ ދުވަހުގެ ހަވީރު 4:00ގެ ކުރިން ފޯމު ހުށަހަޅަން ޖެހެ އެވެ.

ރިޔާސީ ޕްރައިމަރީގެ ޓައިމްލައިންގައިވާ ގޮތުން ކެންޑިޑޭޓުންގެ ފައިނަލް ލިސްޓު ކެންޑިޑޭޓް ނަންބަރާ އެކު އިއުލާން ކުރާނީ މިމަހުގެ 26 ވަނަ ދުވަހު އެވެ.

ރިޔާސީ ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ ލިސްޓް އާންމުކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް މިމަހުގެ 28 ވަނަ ދުވަހު ހުޅުވާލާނެ އެވެ. ޝަކުވާ ބަލައިގަތުމުގެ މުއްދަތު ހަމަވާނީ މިމަހުގެ 31 ވަނަ ދުވަހުގެ ހަވީރު 4:00 އަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ލެވޭ މީހުންގެ ދާއިމީ ލިސްޓް ޖެނުއަރީ ތިންވަނަ ދުވަހު އާންމުކުރާނެ އެވެ. ކެންޑިޑޭޓުންގެ މަންދޫބުންނަށް ފުރުސަތު ހުޅުވާލާނީ ޖެނުއަރީ 10 ވަނަ ދުވަހު އެވެ. އެ ފުރުސަތު ބަންދުވާނީ ޖެނުއަރީ 15 ވަނަ ދުވަހު އެވެ.