ހަބަރު

ގާޒީ ބާރީއާ މެދު ހިންހަމަނުޖެހިގެން އިމްރާން ސުޕްރީމް ކޯޓަށް

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމް ދައުވާގެ މައްސަލަ ބައްލަވާ ފަނޑިޔާރު ގާޒީ އަބްދުލް ބާރީ ޔޫސުފް ބަދަލުކޮށްދިނުމަށް އިމްރާން ސްޕްރީމް ކޯޓުގައި އެދިވަޑައިގެންފިއެވެ.

އިމްރާން އެގޮތަށް އެދިވަޑައިގަތީ އެ މައްސަލަ ބެއްލެވުމުގައި ގާޒީ ބާރީ ޝަރީއަތްކުރުމުގެ އާންމު އުސޫލުތަކާ ހިލާފުވެފައިވާ ކަމަށް ގަބޫލުކުރެވޭތީ ކަމަށް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އަދާލަތު ޕާޓީގެ ނައިބު ރައީސް އަދި އިމްރާންގެ ގާނޫނީ ވަކީލު އަލީ ޒާހިރު ވަނީ ވިދާޅުވެފައެވެ.

އިމްރާންގެ މައްސަލަ ކުރިން ބައްލަވަމުން އައި ފަނޑިޔާރުންގެ ބެންޗް އުވާލާފައިވާއިރު އެކަން ކޮށްފައިވަނީ ހަމަހަމަ ކަމެއް ނެތި، ޝައްކު އުފެދޭ ހާލަތެއްގައި ކަމަށް އިމްރާން ގަބޫލުކުރައްވާ ކަމަށް އަލީ ޒާހިރު ވަނީ ވިދާޅުވެފައެވެ. އެ މައްސަލަ ކުރިން ބައްލަވަމުން ގެންދެވީ ގާޒީ ބާރީ އާއި ގާޒީ އަބްދުﷲ ނަޝީދާއި ގާޒީ އަހުމަދު ސަމީރު އަބްދުލްއަޒީޒު ހިމެނިވަޑައިގަންނަވާ ބެންޗަކުންނެވެ.

އިމްރާންގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ގާނޫނު ނަންބަރު 10/90 ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދެ ވަނަ މާއްދާގެ (ކ)ގެ ދަށުން އުފުލާފައިވާ ދައުވާއެކެވެ. މޭޑޭ މުޒާހަރާގައި އެންމެ އިސްކޮށް އުޅުއްވި އިމްރާން އަބުދުﷲގެ މައްޗަށް މި ދައުވާ ސާބިތުވެއްޖެނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ. މާދަމާއަށް ވެސް އިމްރާންގެ އަޑުއެހުމެއް ވަނީ ތާވަލުކޮށްފައެވެ.