އަބްދުއްރަހީމް އަބްދުﷲ

އިދިކޮޅު ކޯލިޝަންގެ ވެރިން ބީއެމްއެލް އާއި ޕީއެސްއެމްއަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިސްވެރިންނާއި ބައްދަލު ނުވުމުން އިދިކޮޅު ކޯލިޝަންގެ ވެރިން ޕީއެސްއެމްގެ ވެރިންނާ ބައްދަލުކުރުމަށް ގޮސްފި އެވެ.

އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިސްވެ ހުންނަވައިގެން ބީއެމްއެލްގެ އިސްވެރިންނާއި ބައްދަލުކުރެއްވުމަށް މިއަދު ހެނދުނު 11 ޖެހި އިރު ބީއެމްއެލްގެ ހެޑް އޮފީހަށް ދިޔަ އެވެ. ނަމަވެސް އެބޭފުޅުންނަށް ބީއެމްއެލްގެ ވެރިންނާ ބައްދަލު ކުރެވޭނެ ގޮތެއް ނުވި އެވެ.

"ކަންދިމާކުރި ގޮތުން މިއަދު ބައްދަލުވާ ގޮތެއް ނުވި. އިރާދަކުރެއްވިއްޔާ މާދަމާ އެކެއް ޖަހާއިރު އަޅުގަނޑުމެންނާ ބައްދަލުވާނެ ކަމަށް ވިދާޅުވީ،" އަދުރޭ ވިދާޅުވި އެވެ.

ބީއެމްއެލްގެ ވެރިންނާ ބައްދަލުނުވުމުގެ ސަބަބުން އިދިކޮޅުން މިހާރު ވަނީ ޕީއެސްއެމްގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ޕީއެސްއެމް އިމާރާތަށް ގޮސްފަ އެވެ.

އިދިކޮޅު ކޯލިޝަނުން ބީއެމްއެލްގެ ވެރިންނާ ބައްދަލުކުރަން ނިންމީ އެމްއެމްއޭގެ ގަވަރުނަރާއި މިދިޔަ ބުރާސްފަތި ދުވަހު ބައްދަލުކުރެއްވުމަށްފަހު އުފެދުނު ކަންބޮޑުތަކުގެ ސަބަބުން ކަމަށް އަދުރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްއެމްއޭގެ ގަވަރުނަރާ ބައްދަލުކުރެއްވި ފަހުން ރާއްޖޭގެ މާލީ ހާލަތާއި ދޭތެރޭގައި އޮތް ކަންބޮޑުވުން ވަނީ އިތުރު ވެފައި ކަމަށެވެ. އަދި ބީއެމްއެލްއަށް ދާން ޖެހުނީ އެކައުންޓްތަކުގައި ހުންނަ އަމިއްލަ މީހުންގެ ފައިސާ ނަގާއިރު ވަކި ލިމިޓެއް ހުރުމާއި އެކައުންޓްތަކުގައި ހުންނަ ފައިސާ ގެއްލުމުގެ މައްސަލަތަކެއް އުޅޭތީ ކަމަށެވެ.

"ޑެބިޓް ކާޑާއި ކްރެޑިޓް ކާޑު ވަކި ވަރަކަށް ލިމިޓްކޮށްފައި ހުންނަނީ. މިހެން ހަދާފައި ހުރީމަ ބޭރުގައި ކިޔަވަން ތިބޭ ކުދިންނަށް ވަރަށް އުނދަގޫވޭ،" އަދުރޭ ވިދާޅުވި އެވެ.