ގަން އިންޓަނޭޝަނަލް އެއާޕޯޓް

ގަމުން ޑުބާއީއަށް 450 ޑޮލަރަށް

ގަން އިންޓާނޭޝަނަލް އެއާޕޯޓުން ޑުބާއީއަށް ފްލައި ޑުބާއީ އެއާލައިނުގައި ދަތުރުކުރުމަށް 450 އެމެރިކާ ޑޮލަރަށް (6،925 ރ.)އަށް ދެކޮޅު ޓިކެޓް ލިބޭނެ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މިދަތުރުތަކުގެ ރާއްޖޭގެ އެޖެންޓަކީ އޭސް ޓްރެވެލްސް އަދި އިނާ މޯލްޑިވްސް ހޮލިޑޭސް އެެވެ.

އަވަސްއަށް މިއަދު މައުލޫމާތު ދެއްވަމުން އިނާ މޯލްޑިވްސް އަދި އޭސް ޓްރެވަލްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ 450 ޑޮލަރަށް ދެކޮޅު ޓިކްޓް ލިބޭ މި އޮފާއަކީ ހާއްސަ އޮފާއެއް ކަމަށާއި މި އޮފާ އަމާޒުކޮށްފައިވަނީ ފުރަތަމަ 200-300 ކަސްޓަމަރުންނަށް ކަމަށެވެ.

"މިއީ ޑިމާންޑް ކްރިއޭޓް ކުރުމަށް އަޅުގަނޑުމެންގެ ކުންފުނިން ދޭ ހާއްސަ ލިމިޓެޑް އޮފާއެއް،" ފިރާގު ވިދާޅުވި އެވެ.

މީގެ އިތުރުން ފިރާގު ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނެފައިވަނީ ފްލައި ދުބާއީގައި އައްޑުއަށް އަންނަ ފަތުރުވެރިންނަށް ހުވަދު އަތޮޅާއި ފުވައްމުލަކަށް ފަސޭހަކަމާއިއެކު ދަތުރުކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުން މުހިއްމު ކަމަށެވެ.

މިގޮތުން އެމްޓީސީސީގެ އާރްޓީއެލް ހިދުމަތާއެކު ފުވައްމުލަކަށް ދަތުރުކުރެވޭނެ ކަމަށާއި ހުވަދު އަތޮޅަށް ކަނެކްޝަން ދޭނީ ގައުމީ އެއާލައިން މޯލްޑިވިއަނުން ކަމަށްވެސް ފިރާގް ވިދާޅުވި އެވެ.

އަންނަ އަހަރުފެ ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ފްލައި ދުބާއީ އެއާލައިނުގެ ދަތުރުތައް އައްޑޫއަށް ފަށާނެ އެވެ.