ކުޅިވަރު

މެސީ އަށް ތަށި ދޭން ބޭނުންވާ މީހުންނަށް ޑެޝޯމްޕްސްގެ މެސެޖެއް

ލިއޮނެލް މެސީ ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދަން އެތައް ބަޔަކު ބޭނުންވާ ކަމަށާއި، އެކަމަކު އެކަން އެހެން ނުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ފްރާންސުން މިރޭ ކުރާނެ ކަމަށް އެޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްސް ބުނެފި އެވެ.

ވޯލްޑް ކަޕް ފައިނަލުގައި ފްރާންސާއި އާޖެންޓީނާ މިރޭ ވާދަކުރާ މެޗަކީ ދުނިޔޭގެ ފުޓްބޯޅައިގެން އެންމެ ވަރުގަދަ މެޗެވެ. މެޗު ހާއްސަވާ ސަބަބުތައް ބައިވަރެވެ. އޭގެތެރެއިން އެއް ކަމަކީ މެސީ ވޯލްޑް ކަޕްގައި ކުޅޭ ފަހު މެޗުގައި ތައްޓާ އެކު ނިންމާލާ މަންޒަރު ބަލަން ބޭނުންވާ މީހުން ގިނަވުމެވެ. މެޗުގެ ކުރިން ފްރާންސްގެ ކޯޗާ ވެސް ނޫސްވެރިން އެ ސުވާލު ކުރިމަތިކުރުވި އެވެ.
ޑެޝޯމްޕްސް ބުނީ މެސީ އަށް ވޯލްޑް ކަޕް ދޭން ބޭނުންވާ މީހުން ފްރާންސްގައި ވެސް ތިބެފާނެ ކަމަށެވެ.

"އަހަރެންނަށް އެނގޭ އާޖެންޓީނާއާ، ދުނިޔޭގައި ތިބި އެތައް ބަޔަކު، ފަހަރެއްގަ ފްރާންސް މީހުން ވެސް ހިމެނިދާނެ. އެ އެންމެން އުއްމީދުކުރޭ މެސީ ވޯލްޑް ކަޕް ތަށި ހޯދަން. އެކަމަކު އަހަރެމެން މިތިބީ އެކަން ހުއްޓުވައި ފްރާންސްގެ އަމާޒަށް ވާސިލްވާން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން" މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޝޯމްޕްސް ބުންޏެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި މެސީ އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. ފްރާންސްގެ ފޯވާޑް ކިލިއަން އެމްބާޕޭއާ އެކު މެސީ އޮތީ ލަނޑު ލިސްޓުގެ އެއްވަނައިގަ އެވެ. ފަހު ވޯލްޑް ކަޕްގައި ރަން ބޫޓާއި، އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދުމުގެ ފުރުސަތު ވެސް މެސީ އަށް އޮތީ ފަހިވެފަ އެވެ. އެހެންވެ މިއީ މެސީގެ ފަހަރަކަށް ވުމަށް ފުޓްބޯޅައިގެ ގިނަ ބަޔަކު އުއްމީދުކުރެ އެވެ.

ވޯލްޑް ކަޕް ތައްޓާ އެންމެ ގާތަށް މެސީ އަށް ދެވުނީ 2014 ވަނަ އަހަރު އެވެ. އެފަހަރު ފަހު ވަގުތު ޖަރުމަނުން ވަނީ މެސީގެ އާޖެންޓީނާ ބަލިކޮށްފަ އެވެ. އޭގެފަހުން ކުޅުނު ވޯލްޑް ކަޕްގައި، 2018 ވަނަ އަހަރު އާޖެންޓީނާ ކެޓީ ފްރާންސް އަތުންނެވެ. އެހެންވެ މިއީ ފްރާންސްގެ އަތުން ބަދަލު ހިފުމަށް ވެސް އާޖެންޓީނާ އަށް ލިބޭ ފުރުސަތެކެވެ.

ބޮޑު ފައިނަލަށް ނުކުންނައިރު މި ދެޓީމުން ވަނީ ދެފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. އާޖެންޓީނާ އިން 1978 ވަނަ އަހަރާއި 1986 ވަނަ އަހަރު ތަށި ހޯދިއިރު ފްރާންސުން ވަނީ 1998 ވަނަ އަހަރާއި 2018 ވަނަ އަހަރު ޗެމްޕިއަންކަން ހޯދާފަ އެވެ.

1998 ވަނަ އަހަރު ފްރާންސް ދުނިޔޭގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ހޯދީ ޑެޝޯމްޕްސްގެ ކެޕްޓަންކަމުގަ އެވެ. 2018 ވަނަ އަހަރު ވޯލްޑް ޑެޝޯމްޕްސް ވަނީ ކޯޗެއްގެ ގޮތުގައި އެ ކާމިޔާބީ ތަކުރާރުކޮށްފަ އެވެ.

ފްރާންސާއި އާޖެންޓީނާ ވާދަކުރާ ފައިނަލް މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން އަށެއް ޖަހާއިރު އެވެ.