ފީފާ ވޯލްޑް ކަޕް ފައިނަލަށް މިފަހަރު އާޖެންޓީނާ ނުކުންނައިރު ވޯލްޑް ކަޕް ތައްޓާ މެދު އެޓީމަށް ކުރެވޭ އުއްމީދު ބޮޑެވެ. ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ހައިރާން ކުރުވަނިވި ގޮތަކަށް ސައުދީ އަރަބިއާ އަތުން ބަލިވިޔަސް އާޖެންޓީނާ އިން ވަނީ މެޗަކަށް ވުރެ މެޗެއް ރަނގަޅުކޮށް ފައިނަލަށް ދަތުރުކޮށްފަ އެވެ.
އާޖެންޓީނާ ފައިނަލަށް ދިއުމުގެ އެންމެ ބޮޑު ސަބަބަކީ އެޓީމުގެ ކެޕްޓަން، އުމުރުން 35 އަހަރުގެ ލިއޮނެލް މެސީ އެވެ. މެސީ މި ވޯލްޑް ކަޕްގައި ދައްކަމުން އަންނަ ތަފާތު މޮޅު ކުޅުމާ އެކު މިފަހަރުގެ ވޯލްޑް ކަޕް އާޖެންޓީނާ ކާމިޔާބުކުރަން ގިނަ ބަޔަކު ބޭނުންވެ އެވެ. ހާއްސަކޮށް ފުޓްބޯޅަ ކެރިއަރު ނިންމާލުމުގެ ކުރިން މެސީ ވޯލްޑް ކަޕް ހޯދުމަކީ ގިނަ ބައެއްގެ އުއްމީދެވެ. އެކަން ހާސިލްކުރުމަށް މެސީ އަންނަނީ އާދަޔާހިލާފު ކުޅުމެއް މިފަހަރު ދައްކަމުންނެވެ. ފައިނަލަށް އާޖެންޓީނާ ކުރި ދަތުރުގައި ފަސް ގޯލު ޖަހައި ހަތަރު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް މެސީ ހޯދި އެވެ.
މިއީ އާޖެންޓީނާ ވޯލްޑް ކަޕް ފައިނަލުގައި ކުޅޭ ހަވަނަ ފަހަރެވެ. އެޓީމަށް ޗެމްޕިއަންކަން ލިބުނީ 1978 އަދި 1986 ވަނަ އަހަރު އެވެ. ފައިނަލުގައި ތިން ފަހަރު ވަނީ ބަލިވެފަ އެވެ. އެއީ އެންމެ ފުރަތަމަ ބޭއްވި 1930 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 1990 އަދި 2014 ވަނަ އަހަރުގެ މުބާރާތެވެ. 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ހަނި ގޮތަކަށް ޖަރުމަނު އަތުން އާޖެންޓީނާ ބަލިވީ 1-0 އިންނެވެ. އެ ހިތްދަތި ހަނދާން ހުންނާނެ އެއް ކުޅުންތެރިޔަކީ އެފަހަރު ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި މެސީ އެވެ.
ވޯލްޑް ކަޕް ތައްޓެއް ނުލިބި 36 އަހަރުވީ ދިގު ތާރީހު ބަދަލުކޮށްލުމުގެ އެންމެ ބޮޑު ޒިންމާ އެޅިފައިވަނީ މެސީގެ ބޮލުގަ އެވެ. ޖަރުމަނު އަތުން 2014 ވަނަ އަހަރު ބަލިވި ފައިނަލަށް ނުކުތްއިރު އާޖެންޓީނާ އޮތް ހާލަތާ، މިފަހަރުގެ ހާލަތު ތަފާތެވެ. އެ މުބާރާތަށް ވުރެ މެސީގެ ކުޅުން މިފަހަރު މާ ފުރިހަމަ އެވެ.
މެސީއާ އެކު އާޖެންޓީނާގެ ކުޅުންތެރިން ވެސް ތިބީ ތަފާތު ރޫހެއްގަ އެވެ. އެޓީމުގެ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނީ ފްރާންސަކީ ފޭވަރިޓުން ކަމަށް ބަޔަކު ދެކުނަސް ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ހުރީ އެޓީމުގައި ކަމަށެވެ. މެސީ ހުރުމުން އާޖެންޓީނާގެ އަމާޒަށް ވާސިލްވާން ފަސޭހަވާނެ ކަމަށް މާޓިނޭޒް ބުންޏެވެ.
"ދުނިޔޭގެ ހުރި އެންމެ މޮޅު ކުޅުންތެރިޔާ، މެސީއާ އެކު އާޖެންޓީނާގެ ވަރުގަދަ ޑިފެންސެއް އެބައޮތް. ފްރާންސަކީ ފޭވަރިޓުންނޭ ބުނާ އަޑު އަހަން އަހަރެމެން ކަންބޮޑެއް ނުވޭ" މާޓީނޭޒް ބުންޏެވެ.
ބޮޑު ފައިނަލަށް ނުކުންނައިރު މެސީ އާދަޔާހިލާފު ފޯމެއްގައި ހުރުމަކީ އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކަލޯނީ އަށް ވެސް ބޮޑު އުފަލެކެވެ. ސްކަލޯނީ ބުނީ މެސީގެ ލެވެލް އޭނާ ކިޔައިދޭން ނުޖެހޭނެ ކަމަށާއި، ގިނަ ބަޔަކު މިހާރު ތިބީ މެސީ ބޭނުންވާ ކަންތައް ފުރިހަމަވާން ބޭނުންވެފައި ކަމަށެވެ.
ސްކަލޯނީ ގަބޫލުކުރާ ގޮތުގައި ވޯލްޑް ކަޕް ތަށި މިދިޔަ އަހަރުތަކުގައި ނުލިބުނަސް އާޖެންޓީނާ އޮތީ އެއްބައިވަންތަކަމާ އެކު އެވެ. މިފަހަރު އެ ރޫހުގައި ނުކުމެ ބޭނުންވަނީ ތައްޓާ އެކު އުފާފާޅުކުރަން ކަމަށް ސްކަލޯނީ ބުންޏެވެ.
"މިފަހަރު ބޭނުންވަނީ ވޯލްޑް ކަޕާ އެކު އުފާފާޅުކުރަން. އާޖެންޓީނާގެ ފުޓްބޯޅަ އަބަދުވެސް އޮންނަނީ އެއްބައިވަންތަކޮށް" މެޗުގެ ކުރިން ސްކަލޯނީ ބުންޏެވެ.
އާޖެންޓީނާ އަށް ބައިނަލްއަގްވާމީ ތައްޓެއް ނުލިބި 28 އަހަރު ވޭތުވުމަށް ފަހު މިދިޔަ އަހަރު އެގައުމުން ވަނީ ކޮޕާ އެމެރިކާގެ ޗެމްޕިއަންކަން ހޯދާފަ އެވެ. ކޮޕާ އެމެރިކާގެ ޗެމްޕިއަންކަން އާޖެންޓީނާ ހޯދީ ވާދަވެރި ބްރެޒިލްގެ ދަނޑުގައި އެޓީމު ބަލިކޮށްފަ އެވެ. ކޮޕާ އެމެރިކާ ފައިނަލަށް ފަހު ވެސް އާޖެންޓީނާ އިން ވަނީ ފޯމު ދަމަހައްޓައިފަ އެވެ. މިދިޔަ ދެއަހަރުތެރޭ އާޖެންޓީނާ ބަލިވީ ބައިނަލްއަގްވާމީ އެންމެ މެޗަކުންނެވެ. އެއީ މިފަހަރުގެ ވޯލްޑް ކަޕް ފުރަތަމަ މެޗުގައި ސައުދީ އަތުންނެވެ.
ސައުދީ އަތުން ބަލިވި ނަމަވެސް އާޖެންޓީނާ ދެވަނަ ބުރު ކަށަވަރުކުރީ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ގްރޫޕް ސްޓޭޖުގެ ފަހު ދެ މެޗުގައި މެކްސިކޯ އާއި ޕޮލެންޑް ބަލިކުރި އެވެ. ދެވަނަ ބުރުގައި އާޖެންޓީނާ ވަނީ އޮސްޓްރޭލިއާ ހަނިގޮތަކަށް ބަލިކޮށްފަ އެވެ. ކުއާޓާ ފައިނަލުގައި އާޖެންޓީނާ ކުރި ހޯދީ ނެދަލެންޑްސްއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެންނެވެ. ސެމީ ފައިނަލުގައި އާޖެންޓީނާ ވަނީ ފަސޭހަކަމާ އެކު ކްރޮއޭޝިއާ ބަލިކޮށްފަ އެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ބޮޑު މެޗަށް ވަގުތު ކުޑަތަންވަމުން އަންނައިރު އެންމެންގެ ލޯ މިރޭ އަމާޒުވާނެ އެއް ކުޅުންތެރިއަކީ މެސީ އެވެ. މެސީ ވޯލްޑް ކަޕް ކާމިޔާބުކުރަން ބޭނުންވާ އެތައް މިލިއަން ބަޔަކަށް ލިބޭ ހިތްހަމަޖެހުމަކީ ފައިނަލަށް ނުކުންނައިރު މެސީ ރަނގަޅު ފޯމެއްގައި ހުރުމެވެ. އާޖެންޓީނާ އަށް ތައްޓާ މެދު ކުރެވޭ އުއްމީދު މަތިވަނީ ވެސް މި ސަބަބާ ހުރެ އެވެ. ދެން އޮތީ މެސީއާ އެކު އާޖެންޓީނާ ނެރޭ ނަތީޖާއަކަށް ބަލަން ތިބުމެވެ.
އާޖެންޓީނާ އާއި ފްރާންސް ވޯލްޑް ކަޕް ފައިނަލުގައި ވާދަކުރާ މެޗު ފަށާނީ މިރޭ އަށެއް ޖަހާއިރު އެވެ.