ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ފްރާންސް ބަލިކޮށް 22 ވަނަ ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އާޖެންޓީނާ އިން ހޯދައިފި އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 3-3 އިން ދެޓީމު ހަމަހަމަ ވެގެންނެވެ. ނަތީޖާ ނެރެން ޖެހި ޕެނަލްޓީ ގައި ފްރާންސަށް ދެ ޕެނަލްޓީ ވައްދާ ނުލެވުނެވެ. އާޖެންޓީނާ އިން ވަނީ ހުރިހާ ޕެނަލްޓީއެއް ވައްދާލާފަ އެވެ.
މިއީ އާޖެންޓީނާ އިން ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި ތިން ވަނަ ފަހަރެވެ. މީގެ ކުރިން އެޓީމު ޗެމްޕިއަންކަން ހޯދީ 1978 އަދި 1986 ވަނަ އަހަރު އެވެ.
ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗު ފަށައިގެން މޮޅަށް ކުޅުނީ އާޖެންޓީނާ އިންނެވެ. އާޖެންޓީނާ އިން މެޗުގައި ލީޑު ނެގީ ލިބުނު ޕެނަލްޓީއަކުން 23 ވަނަ މިނެޓުގައި ލިއޮނެލް މެސީ އެވެ. މިއީ އެންހެލް ޑި މާރިއާ އަށް ފްރާންސްގެ އުސްމާނޭ ޑެމްބެލޭ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މެސީގެ މި ގޯލާ އެކު އޭނާ ވެފައިވަނީ ވޯލްޑް ކަޕްގެ ހުރިހާ ސްޓޭޖެއްގައި ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ. މެސީ ވަނީ ގްރޫޕް ސްޓޭޖާއި، ދެވަނަ ބުރުގެ އިތުރުން ކުއާޓާ ފައިނަލް އަދި ސެމީ ފައިނަލުގައި ވެސް ގޯލު ޖަހައިފަ އެވެ.
މޮޅަށް ކުޅެމުން ގޮސް 36 ވަނަ މިނެޓުގައި އާޖެންޓީނާ އިން ލީޑު ފުޅާކުރި އެވެ. އަލެކްސިސް މެކަލިސްޓާ ދިން ބޯޅައަކުން މި ގޯލު ކާމިޔާބު ކޮށްދިނީ ޑި މާރިއާ އެވެ. އޭރިޔާ ތެރެއިން ޑި މާރިއާ އަށް ހުހަށް ލިބުނު ބޯޅަ ވަނީ ހަމަޖެހިލާފައި ގޯލުގެ ކަނަށް ވައްދާލާފަ އެވެ.
އާޖެންޓީނާ އިން ދެ ގޯލުގެ ލީޑެއް ނެގުމުން ފްރާންސުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެ ބަދަލު ކޮށްފަ އެވެ. ކުރިއަށް ކުޅުނު އޮލިވިއޭ ޖިރޫޑް އާއި ޑެމްބެލޭގެ ބަދަލުގައި ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ކުޅެން އެރުވީ ކޯލޯ މުއާނީ އާއި މާކަސް ތުރާމް އެވެ.
ދެވަނަ ހާފުގައި ފްރާންސުން ވަނީ ކުޅުން ރަނގަޅުކޮށް ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ގާތްގާތުގައި އެޓީމުގެ ދެ ގޯލު ވެސް ކާމިޔާބުކޮށްދިނީ އެމްބާޕޭ އެވެ. ފުރަތަމަ ގޯލު 80 ވަނަ މިނެޓުގައި ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ. އޭގެ މިނެޓެއް ފަހުން އެމްބާޕޭ އަށް އޭރިޔާ ތެރެއިން ލިބުނު ބޯޅަ ވަނީ ގޯލުގެ ތިރީ ކަނަށް ވައްދާލާފަ އެވެ.
90 މިނެޓު ނިމުނުއިރު ނަތީޖާ ހަމަހަމަވުމުން އިތުރު ވަގުތުގެ ގޮތުގައި ކުޅުނު ދެ ހާފުގައި ވެސް ދެޓީމުން ގޯލު ޖެހި އެވެ. އާޖެންޓީނާގެ ތިންވަނަ ގޯލު 108 ވަނަ މިނެޓުގައި މެސީ ޖެހިއިރު މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް އެމްބާޕޭ ވަނީ ޕެނަލްޓީއެއް ވައްދާލައި ނަތީޖާ ހަމަހަމަކޮށް އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.
ޕެނަލްޓީގައި އާޖެންޓީނާ ކުރި ހޯދިއިރު ތަފާތު ދެއްކީ ގޯލްކީޕަރު އެމިލިއާނޯ މާޓީނޭޒް އެވެ. މާޓީނޭޒް ވަނީ ފްރާންސްގެ ކިންގްސްލީ ކޯމަން ޖެހި ޕެނަލްޓީ މަތަކޮށްފަ އެވެ. އަދި އެޓީމުގެ އައުރެލިން ޗުއަމެނީ ޖެހި ޕެނަލްޓީ ދިޔައީ ބޭރަށެވެ. ފްރާންސަށް ވައްދާލެވުނީ އެމްބާޕޭ އާއި މުއާނީ ޖެހި ޕެނަލްޓީތަކެވެ.
އާޖެންޓީނާ އިން ވަނީ އެޓީމުގެ ހަތަރު ޕެނަލްޓީ ވެސް ކާމިޔާބުކޮށްފަ އެވެ. އާޖެންޓީނާގެ ޕެނަލްޓީތައް ވައްދާލީ މެސީގެ އިތުރުން ޕައޮލޯ ޑިބާލާ އާއި ލިއަންޑްރޯ ޕަރެޑޭސް އަދި މޮޅުވި ޕެނަލްޓީ ޖެހި ގޮންޒާލޯ މޮންޓިއެލް އެވެ.
ފޯރިގަދަވި މެޗަށް ފަހު ޗެމްޕިއަންކަން ލިބުމުން އާޖެންޓީނާގެ ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ. ހާއްސަކޮށް އެޓީމުގެ ކެޕްޓަން މެސީ އަށް ވޯލްޑް ކަޕް ލިބުމަކީ އެޓީމުގެ ސަޕޯޓަރުންނަށް ލިބުނު ހާއްސަ އުފަލެކެވެ.