ފިނޭންސް މިނިސްޓްރީ

ދައުލަތުން ކައުންސިލްތަކަށް ގެރެންޓީ ދެވޭ ގޮތް ހަދައިފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރަށެއްގެ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވަނީ. ދައުލަތުގެ މުސްތަގިއްލު މުއައްސަސާތަކަށާއި ކައުންސިލްތަކަށް ދައުލަތުގެ ނަމުގައި ގެރެންޓީ ދެވޭ ގޮތަށް ވަނީ އުސޫލު އިސްލާހުކޮށްފަ---ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ދައުލަތުގެ މުސްތަގިއްލު މުއައްސަސާތަކަށާއި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ކައުންސިލްތަކަށް ދައުލަތުގެ ނަމުގައި ގެރެންޓީ ދެވޭ ގޮތަށް އުސޫލު އިސްލާހުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ އާންމުކުރަން ފެށި އުސޫލާއެކު އޮގަސްޓް 13، 2017 އިން ފެށިގެން އަމަލުކުރަމުންދިޔަ ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގެ އުސޫލު ވަނީ އުވިފައެވެ.

ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގައި މިނިސްޓްރީން ބަލާނެ މިންގަނޑުތަކާއި ދައުލަތުގެ ނަމުގައި ގެރެންޓީއެއް ދިނުމަށް އެދި ހުށަހަޅަންޖެހޭ ގޮތާއި ގެރެންޓީ ދޫކުރެެވޭނެ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް އިއްޔެ އަމަލުކުރަން ފެށި އުސޫލުގައިވެ އެވެ.

ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރެވޭނެ ފަރާތްތަކުގެ ތެރޭގައި ދެން ހިމެނެނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސަބްސިޑިއަރީތަކެވެ. އޭގެ އިތުރުން ރާއްޖޭގައި ވިޔަފާރިކުރަން ރަޖިސްޓަރީ ކޮށްފައިވާ ނުވަތަ ރީ-ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކަށްވެސް ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރެވޭނެ އެވެ.

ގެރެންޓީ ދޫކުރެވޭނީ ފަތުރުވެރިކަމުގެ ދާއިރާގެ ތަރައްގީގެ މަޝްރޫތައް ހިންގުމަށާއި ސަރުކާރުން ހުށަހަޅާ ޝަރުތުތަކާ އެއްގޮތަށް ސޯޝަލް ހައުސިން މަޝްރޫއުތައް ހިންގުމަށެވެ. އޭގެ އިތުރުން ތަރައްގީގެ މަޝްރޫއެއްގެ ގޮތުގައި އިސްކަން ދިނުމަށް ސަރުކާރުން ނިންމާ މަޝްރޫއުތައް ހިންގުމަށާއި މިނިސްޓަރު ހުއްދަދޭ މާލީ މުއާމަލާތްތައް ކުރުމަށް ގެރެންޓީ ދޫކުރެވޭނެ އެވެ.

ގެރެންޓީ ކޮށްދެވޭ ދަރަނީގެ އިފެކްޓިވް އިންޓަރެސްޓް ރޭޓުން، "ވޭރިއަބަލް އިންޓަރެސްޓް" އުނިކުރުމުން އަންނަ އަދަދު 3.5 އިންސައްތަ އަށްވުރެ މަތިވެގެން ނުވާނެ ކަމަށް އުސޫލުގައިވެ އެވެ. ނަމަވެސް އެ ޝަރުތު އިސްތިސްނާ ކުރެވިދާނެ ހާލަތެއް ހިމަނާފައިވެ އެވެ.

އެގޮތުން ގައުމުގެ އިގްތިސާދީ ހާލަތަށާއި އެ އިރެއްގައި ދަރަނި ނެގެންހުރި މާކެޓް ރޭޓަށާއި އެ ދަރަނި ނަގައިގެން ހާސިލުކުރަން ބޭނުންވާ މަގުސަދަށާއި އެ ދަރަނި ނެގުމުގެ މުހިންމު ކަމަށް ރިއާޔަތްކުރުމަށްފަހު ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނާއި ހިލާފު ނުވާ ގޮތަށް މިނިސްޓަރުގެ ހުއްދަ ލިޔުމުން ހޯދުމަށްފަހު އެ ޝަރުތު އިސްތިސްނާ ކުރެވިދާނެ ކަމަށް އުސޫލުގައިވެ އެވެ.

އަމިއްލަ ފަރުދުންނަށް މި އުސޫލުގެ ދަށުން ގެރެންޓީ ދުލެއް ނުކުރާނެ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910