ކާޑެއްދޫ އެއާޕޯޓް

ކައްދޫ އެއާޕޯޓް ބައިނަލްއަގްވާމީ ފެންވަރަށް ތަރައްގީކުރަނީ

ކްރޮސް ސަބްސިޑީ އުސޫލުން ލ. ކައްދޫގައި ބައިނަލްއަގްވާމީ އެއާޕޯޓެއް ތަރައްގީކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.

ކައްދޫ އެއާޕޯޓް ތަރައްގީކުރަން ރައީސް ސޯލިހް ކަނޑައަޅުއްވާ މިއަދު ވަނީ ގަރާރެއް ނެރުއްވާފަ އެވެ.

މި މަޝްރޫއަށް ހަރަދު ކުރަންޖެހޭ އެންމެ ދަށް މިންވަރުގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ ފަސް މިލިއަން އެމެރިކާ ޑޮލަރެވެ.

މަދަނީ އެއާޕޯޓެއްގެ ގޮތުގައި އޮޕަރޭޓް ކުރަމުން އައި ކައްދޫ އެއާޕޯޓް މިލިޓަރީ އެއާޕޯޓަކަށް ބަަދަލުކޮށް "އިސްކަންދަރު ވައިގެ ބަދަރު" ގެ ނަމުގައި އަލުން ހުޅުވީ މޭ 2016ގަ އެވެ.

ކްރޮސް ސަބްސިޑީ އުސޫލުން ގިރާވަރުފަޅު ހިއްކައިގެން ރެޒިޑެންޝަލް ސިޓީއެއް ތަރައްގީ ކުރުމަށާއި ރާއްޖޭގެ ހަ ސަރަހައްދެއްގައި ޑޮމެސްޓިކް އެއާޕޯޓް ތަރައްގީކުރުމަށްވެސް ވަނީ ރައީސްގެ ގަރާރަކުން ވަނީ ކަނޑައަޅުއްވާފަ އެވެ.

ކްރޮސް ސަބްސިޑީ އުސޫލުން ތަރައްގީކުރާ ޑޮމެސްޓިކް އެއާޕޯޓްތައް

  • ހދ. މަކުނުދޫ
  • ށ. ބިލެތްފަހި
  • ރ. އަތޮޅުގެ ދެކުނު ބިތުގައި ސަރުކާރުން ކަނޑައަޅާ ތަނެއް
  • ބ. ތުޅާދޫ
  • ފ. މަގޫދޫ
  • ތ. ވިލުފުށި

ކްރޮސް ސަބްސިޑީ އުސޫލުން މަޝްރޫއު ކުރިއަށް ގެންދިއުމަން ނިންމާ، މިމަޝްރޫއަށް ފައިނޭންސް ކުރާ ބަޔަކަށް ފަތުރުވެރިކަމުގެ ބޭނުމަށް ރަށެއް، ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޭނެ އެވެ.

ގިރާވަރު ފަޅު ހިއްކުމަށްފަހު އެތަނުން މާލޭ ރައްޔިތުންނަށް 2،000 ގޯތި ދޫކުރާނެ ކަމަށް ރައީސް ސޯލިހް އިއުލާން ކުރެއްވީ މިދިޔަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގަ އެވެ.