ފިނިޕޭޖް

އީޓީ މޮޑެލް 2.5 މިލިއަން ޑޮލަރަށް ވިކިއްޖެ

1982 ވަނަ އަހަރު ސްޓީވަން ސްޕީލްބާގް އޭލިއަން އަކާއި ކުޑަ ކުދިންތަކަކާ ބެހޭގޮތުން "އީޓީ: އެކްސްޓްރާ ޓެރެސްޓްރިއަލް" ފިލްމު ހެދި އެވެ.

މި ފިލްމުގެ އީޓީ މޮޑަލް ނީލަން ކިޔައި، މިލިއަން 2.5 ޑޮލަރަށް ވިކިއްޖެ އެވެ. ނީލަން ފަށާފައިވަނީ ފަސް ލައްކަ ޑޮލަރުންނެވެ.

އެލުމިނިއަލް އެލޯއި އިން ހަދާފައިވާ އީޓީގެ ސްކެލެޓަލް މޮޑަލް ނީލަން ކިޔާފައިވަނީ ޖޫލިއެން އޮކްޝަންސް އިންނެވެ. އީޓީ މޮޑެލް ގަނެފައިވާ މީހާގެ ނަން ހާމަކޮށްފައެއް ނުވެ އެވެ.

ކާލޯ ރަމްބާލްޑީގެ މޮޅު ސްޕެޝަލް އިފެކްސްޓްސް ހިމަނާފައިވާ މިފިލްމް ވެގެންދިޔައީ ވަރަށް ކާމިޔާބު ފިލްމަކަށެވެ.

ފަސް އޮސްކާ އާއި އެހެނިހެން އެތައް އެވޯޑެއް މިފިލްމަށް ލިބުނެވެ. މި ފިލްމްގައި އެކްޓްކޮށްފައިވާ ތަރިންގެ ތެރޭގައި ހެންރީ ތޯމަސް، ޑްރޫ ބެރީމޯ، ޕީޓާ ކަޔޯޓީ، ޑީ ވޮލަސް އަދި ސީ. ތޯމަސް ހޮވަލް ހިމެނެ އެވެ.

މި ފިލްމު ކުޅުނު އިރު ޑްރޫ ބްރީމޯގެ އުމުރަކީ ހަތް އަހަރެވެ. މި ފިލްމަށް 40 އަހަރު ފުރުމުގެ ގޮތުން ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަމުން ޑްރޫ ބުނީ އޭނާ ހީކުރީ އީޓީ އަކީ އަސްލު އެއްޗެއް ކަމަށެވެ.

ފިލްމުތަކުގައި ބޭނުންކޮށްފައިވާ ކޮސްޓިއުމް އަދި ޕްރޮޕްސްތަކާއި ފިލްމީ ތަރިންގެ ތަކެތިވެސް ވަރަށް ބޮޑެތި އަގުގައި ނީލަމުން ވިކެމުންދެ އެވެ. މިގޮތުން މެރިލީން މޮންރޯގެ ބައްޕަ މެރިލީންއަށް ފޮނުވި ގްރީޓިން ކާޑެއްވެސް ވަނީ 31،250 ޑޮލަރަށް ވިކިފަ އެވެ.