އުމުރުން 60 އަހަރުގެ ޓޮމް ކްރޫޒްއަކީ އަމިއްލައަށް ނުރައްކާތެރި މޮޅެތި ސްޓަންޓްތައް ހަދާ، ވަރުގަދަ އެކްޝަން ފިލްމް ކުޅޭ އެކްޓަރެކެވެ.
އެގޮތުން މި ދުވަސްވަރު ފޭނުންނަށް ގިނަ ތަރިން ހޮލިޑޭ ގްރީޓިންގްސް ފޮނުވަމުންދާއިރު، ޓޮމް ކްރޫޒް ގްރީޓިންގްސް ފޮނުވީ އާދަޔާ ހިލާފް ގޮތަކަށެވެ. ސްކައިޑައިވް ކުރަމުން ޓްވިޓާ މެދުވެރިކޮށް އުޑުމަތިންނެވެ.
ޓޮމް ކްރޫޒް ހުރީ ސައުތް އެމެރިކާގައި "މިޝަން އިމްޕޮސިބަލް"ގެ އެންމެ ފަހު ފިލްމް "މިޝަން އިމްޕޮސިބަލް: ޑެޑް ރެކަނިން"ގެ ޝޫޓިންގަ އެވެ.
ޓޮމް ކްރޫޒް ފޭނުންނަށް ފޮނުވި މެސެޖުގައި ބުނީ އޭނާ މިވަގުތު ހުރީ "މިޝަން އިމްޕޮސިބަލް: ޑެޑް ރެކަނިން" ގެ ޕާޓް 1 އާއި 2ގެ ޝޫޓިންގައި ސައުތް އެފްރިކާގައި ކަމުގަ އެވެ. އެންމެނަށް ޝުކުރު އަދާނުކޮށް އަހަރު ނިންމާލަން ބޭނުން ނުވާ ކަމަށް ބުނެ، ބެލުންތެރިން ސިނަމާތަކަށް ގޮސް ޓޮމްގެ "ޓޮޕް ގަން: މެވްރިކް" ބަލާ ސަޕޯޓްކުރީތީ ޝުކުރު އަދާކުރި އެވެ.
އެ ފިލްމްގެ ޑައިރެކްޓަރު ކްރިސްޓޮފާ މެކުއޭރީ އަވަސްކުރުމަށާއި ޝޮޓް ނަގަންޖެހޭ ކަމަށް ހަނދާންކޮށްދިނުމުން، ޓޮމްއަށް އެންޓަޓޭން ކުރުމުގެ ފުރުސަތު ދިނީތީ ޝުކުރުއަދާކުރަމުން ބުނީ އެއީ އުމުރު ދުވަހަށް ލިބުނު ޝަރަފެއް ކަމަށެވެ.
މެސެޖު ހިއްސާކުރުމަށްފަހު ޓޮމް ފުއްމާލަ އެވެ. އަދި އުޑުމަތީގައި އޮވެ، ބުނީ އަލްޓިޓިއުޑް ދަށްވާތީ އެ ޝޮޓް ނަގަންޖެހޭ ކަމަށާއި އެންމެންވެސް އުފާވެރި އަދި ރައްކާތެރި ހޮލިޑޭއަކަށް އެދޭ ކަމަށެވެ. އަދި އޭނާގެ ފިލްމުން އަނބުރާ ދިމާވާނެ ކަމަށް ބުނުމަށްފަހު ސްކައިޑައިވްކުރަން ފަށަ އެވެ. ޓޮމް ވަނީ ސެޕްޓެމްބަރުގައި ވެސް ސްޓަންޓް ވީޑިއޯއެއް އާންމުކޮށްފަ އެވެ.
"މިޝަން އިމްޕޮސިބަލް: ޑެޑް ރެކަނިން"ގެ ޕާޓް 1 ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ޖުލައި 2023 ގައެވެ. އަދި "ޓޮޕް ގަން: މެވްރިކް" އެމެޒޯންގައި މިމަހުގެ 22 ވަނަ ދުވަހު ރިލީޒްކުރާނެ އެވެ.
"ޓޮޕް ގަން: މެވްރިކް" ބޮކްސް އޮފީހުގައި 1.5 ބިލިއަންގެ ސޭލްސް އާއެކު މިއަހަރުގެ ސިނަމާތަކުގެ އެންމެ ކާމިޔާބީ ހޯދި ފިލްމަށް ވާނެ އެވެ.