ފިނިޕޭޖް

އެންޖެލީނާ ޔޫއެންގެ ރެފިއުޖީ އެންވޯއިގެ ޒިންމާ ދޫކޮށްލައިފި

ފިލްމީ ތަރި އަދި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތަކުގައި ހަރާތްތެރިވާ އެންޖެލީނާ ޖޯލީ، އޭނާ އަދާކުރަމުންދިޔަ އދގެ ރެފިއުޖީ އެންވޯއިގެ ރޯލް ރަސްމީކޮށް ދޫކޮށްލައިފި އެވެ.

އެންޖެލީނާ އދގެ ރެފިއުޖީ އޭޖެންސީއާ ވަކިވީ 20 އަހަރު މަސައްކަތްކުރުމަށް ފަހު އެވެ.

އދއާ އެކު ނެރުނު ބަޔާނެއްގައި އެންޖެލީނާ ބުނީ މިހާރަށް ވުރެ ފުޅާދާއިރާއެއްގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދީ އަދި އިންސާނީ ހައްގުތަކުގެ މައްސަލަތަކުގައި މިހާރަށް ވުރެ ބޮޑަށް އެހީވާން ބޭނުންވާ ކަމަށެވެ. އެހެންވެ ކުރިއަށް އޮތް އަހަރުތަކުގައިވެސް ރެފިއުޖީންނަށާއި ގެދޮރު ގެއްލިފައި ނުވަތަ ގެދޮރުން ބޭރުކޮށްލާފައިވާ މީހުންނަށް އެހީވުމުގެ މަސައްކަތް ކުރާނެ ކަމަށް ބުންޏެވެ.

"ތަފާތު ގޮތަކަށް މަސައްކަތްކުރަންވި ވަގުތު ޖެހިއްޖެ. އެހެންވެ ރެފިއުޖީންނާއި ލޯކަލް ޖަމިއްޔާތަކާ ގުޅިގެން މަސައްކަތްކުރަން ވިސްނަމުން މިދަނީ،" އެންޖެލީނާ ބުންޏެވެ.

އދއާ އެކު އެންޖެލީނާ މަސައްކަތްކުރަން ފެށީ 2001 ވަނަ އަހަރު އެވެ. އަދި ސްޕެޝަލް އެންވޯއީގެ ގޮތުގައި އައްޔަނުކޮށްފައިވަނީ 2012 ވަނަ އަހަރު އެވެ.

އދގެ ބަޔާނުގައި އެންޖެލީނާ 60 އަށް ވުރެ ގިނަ ފީލްޑް މިޝަން ފުރިހަމަކޮށްފައިވާ ކަމަށާއި ހާލުގައި ޖެހިފައިވާ މީހުންގެ ހާލަތު ބަލައި އެމީހުންގެ ހިތުގެ އުދާސްތަކާއި ހިތާމަވެރި ވާހަކަތައް އަޑުއަހާ، އެމީހުންނަށް އުއްމީދާއި ހިތްވަރު ދީފައިވާ ކަމަށް ބުނެފައިވެ އެވެ.

އދގެ އެންވޯއީއެއްގެ ގޮތުގައި އެންޖެލީ އެންމެ ފަހުން މިއަހަރު ޒިޔާރަތް ކުރީ ޕާކިސްތާނަށެވެ. އެ ގައުމުގައި ހާލުގައި ޖެހިފައި ތިބި މީހުންނާ މިދަތުުރުގައި ބައްދަލުކުރި އެވެ.

އެންޖެލީނާގެ ފިލްމީ ހަޔާތަށް ބަލާލާއިރު، އޭނާ އެންމެ ފަހުން ފެނިފައިވަނީ 2021 ވަނަ އަހަރު މާވެލް ސްޓޫޑިއޯއިން ނެރުނު "ދި އިޓާނަލްސް" އިންނެވެ. އަދި ދެން އެންމެ އަވަހަށް ނިކުންނާނީ "ކަންފޫ ޕެންޑާ 4" އެވެ.