ދުނިޔެ

އިނގިރޭސީންގެ 304 މިލިއަން ޑޮލަރުގެ އެހީއެއް ޔުކްރޭނަށް

ރަޝިއާއިން ދޭ ހަމަލާތަކަށް ރައްދު ދިނުމަށްޓަކައި އެހީގެ ގޮތުގައި ޔުކްރޭނަށް 304 މިލިއަން އެމެރިކާ ޑޮލަރު ދޭން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނަކް ނިންމަވައިފި އެވެ.

ބޮޑުވަޒީރުގެ އޮފީހުން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެހީގެ ޕެކޭޖުގެ ތެރޭގައި އަންނަ އަހަރަށް ޔުކްރޭނަށް ބޭނުންޖެހޭނެ ވަރަށް މެދުކެނޑި އުންޑަ ދޭން ހަމަޖެހިފައިވާ ކަމަށެވެ.

ޔުކްރޭނުގެ ދިފާއީ ކަންކަމަށް ޔޫރަޕްގައި އެންމެ ބޮޑަށް ވަކާލާތު ކުރާ އަދި އެކަމުގައި އެންމެ ބޮޑަށް ނަމޫނާ ދައްކާ އެއް ގައުމަކީ އިނގިރޭސިވިލާތެވެ. ޔުކްރޭނަށް ގައުމުތަކުން ދޭ އެހީތައް އިތުރުކުރުމަށް ވެސް އިނގިރޭސި ސަރުކާރުން ދަނީ ގޮވާލަމުންނެވެ.

އިނގިރޭސިވިލާތުން ވަނީ ފައިސާގެ އިތުރުން އަސްކަރީ ވަސީލަތްތައް ވެސް ޔުކްރޭނަށް އެހީގެ ގޮތުގައި ފޯރުކޮށްދީފަ އެވެ. އެގޮތުން ލޯންޗް ރޮކެޓް ސިސްޓަމްތަކާއި، ރަޝިއާގެ މަތިންދާ ބޯޓުތައް ވައްޓާލުމަށް ބޭނުންކުރެވިދާނެ 125 ބަޑިއެއް ހަދިޔާކޮށްފައިވެ އެވެ.

ރަޝިއާއިން ހިސާރުކޮށްފައިވާ ޔުކްރޭނުގެ ބިންތައް އަލުން ޔުކްރޭންގެ ބާރުގެ ދަށަށް ގެންނަންޖެހޭ ކަމަށް ބުނެ މި ހަނގުރާމަ ފެށުނީއްސުރެ އިނގެރޭސިވިލާތުން ގެންދަނީ ވާހަކަދައްކަމުންނެވެ.

ޔުކްރޭނަށް އެކި ގައުމުތަކުން ދޭ އެހީގެ ތަފާސްހިސާބުތައް ބަލަހައްޓަމުން ގެންދާ ޖަރުމަނުގެ ކިއެލް އިންސްޓިޓިއުޓް ފޯ ވޯލްޑް އިކޮނޮމީ އިން ބުނާ ގޮތުގައި ޔުކްރޭނަށް އެންމެ ބޮޑު އެހީއެއް ދީފައިވަނީ އެމެރިކާ އަށް ފަހު އިނގެރޭސިވިލާތުންވެ. މިގޮތުން ރަޝިއާގެ އަސްކަރިއްޔާ ޔުކްރޭނަށް އެރި ދުވަހުން ފެށިގެން މިހާތަނަށް އިނގިރޭސި ދައުލަތުން ޖުމްލަ 7.43 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ މަދު ނޫން އަދަދެއްގެ އެހީ ޔުކްރޭނަށް ދީފައިވާ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.