ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ގެއިން ހަތިޔާރު ފެނުނު ކަމަށް ބުނެ ފުލުހުން ކުރަމުންދާ ތަހުގީގުގައި ނާޒިމްގެ ވަކީލުންގެ ޓީމަށް އެކްސްޕާޓެއްގެ ގޮތުން އެހީތެރިކަން ފޯރުކޮށް ދިނުމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު ހުށަހަޅުއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވަމުން ގެންދަވާ ރިޔާޒުގެ ރަސްމީ ފޭސްބުކް ޕޭޖްގައި މިރޭ އޭނާ ލިޔުއްވާފައިވަނީ އެ ދާއިރާގެ އެކްސްޕާޓެއްގެ ގޮތުން ނާޒިމްގެ ވަކީލުންގެ ޓީމަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް އޭނާ ހުށަހަޅުއްވާ ކަމަށެވެ. އަދި ނާޒިމްގެ ދިފާއީ ވަކީލު ކަމަށް ވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރާ އެކު މަސައްކަތް ކުރަން ފުރުސަތު ލިބުމަކީ ލިބޭނެ ފަހުރެއް ކަމަށް ވެސް އެ ޕޯސްޓްގައި ރިޔާޒް ވިދާޅުވެފައިވެ އެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓަށް ފުލުހުން ވަދެ ވަނީ ނުރައްކާތެރި ހަތިޔާރުތަކެއް ހޯދައިފަ އެވެ. ނަމަވެސް އެއީ ކޮން ބާވަތެއްގެ ހަތިޔާރުތަކެއް ކަމަށް ފުލުހުން މިހާތަނަށް ހާމައެއް ނުކުރެ އެވެ.
ފުލުހުން އެގޮތަށް ބުނި ނަމަވެސް ނާޒިމް ވަނީ އެ ހަތިޔާރާ އޭނާއާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް ވިދާޅުވެފަ އެވެ.
އެ މައްސަލައިގެ ތުހުމަތު ކުރެވުމާ އެކު މިދިޔަ ހޯމަ ދުވަހު ރައީސް އަބްދުﷲ ޔާމީން ވަނީ ޑިފެންސް މިނިސްޓަރު ކަމުން ނާޒިމް ވަކި ކުރައްވައިފަ އެވެ. އަދި އެ މަގާމަށް ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލު ވަނީ އައްޔަންކޮށްފަ އެވެ.