ރައީސް އަބްދުﷲ ޔާމީން

ނަޝީދު އެނބުރި ވަޑައިގަންނަވާނެ ކަމަށް އިންތިޒާރު ކުރަން: ރައީސް

Jan 21, 2016
6
0%
0%
0%
  • ނަޝީދާ މެދު އިސްކުރީ އިންސާނިއްޔަތުކަން
  • ކުރީގެ ރައީސުންނަށް އިނާޔަތް ލިބެން ޖެހޭ
  • ކުށެއް ނެތްކަން ސާބިތުކޮށްދޭން ޖެހޭނީ ޝަރީއަތުން
ރައީސް މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ. -- އަވަސް ފޮޓޯ: އަހުމަދު ޝުރާއު

ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގެންނެވި، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަވަސް ޝިފާއެއް ލިބި، އެނބުރި ރާއްޖެ ވަޑައިގަތް ހިދުމަތް ކުރަން ވަޑައިގަންނަވާނެ ކަމަށް އިންތިޒާރު ކުރައްވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ނަޝީދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމުގެ ހުއްދަ ދިނުމާ ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވަމުން، ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި، "އުންމީދީ 16" ޖަލްސާގައި ރައީސް ވިދާޅުވީ ކުރީގެ ރައީސުންނަކީ ގައުމަށް ގިނަ ހިދުމަތްތަކެއް ގައުމަށް ކުރެއްވި ބޭފުޅުން ކަމަށެވެ. އަދި އެފަދަ ބޭފުޅަކަށް ރާއްޖެއިން ބޭރުން ލިބެން ޖެހޭ ބޭސްފަރުވާއެއް ނުލިބޭ ގޮތަށް އެކަމަށް ހުރަސް އަޅައި، ބަންދުގައި ބެހެއްޓުމަކީ އެއްގޮތަކަށް ވެސް ފަސޭހަ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި ކުރީގެ ރައީސް ނަޝީދުގެ މައްސަލަ ޝަރުއީ ދާއިރާގައި އޮތް އިރުވެސް އެމަނިކުފާނު އެދިވަޑައިގަތް ގޮތަށް ބޭސްފަރުވާއަށް ފޮނުވާލީ، އިހުސާންތެރިކަން އިސްކުރެއްވުމުގެ ގޮތުންނެވެ. 

ރައީސް ވިދާޅުވީ މީހުންގެ ނުރުހުމުގައި ހައްޔަރުކޮށްގެން ގެންގުޅުމުގައު ހުރި ހިތާމަޔާއި އުނދަގޫ އެމަނިކުފާނަށް އަމިއްލައަށް ވިސްނިވަޑައިގަންނަވަ އެވެ. ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނު ހައްޔަރު ކުރެއްވުމުން އެކަމުގެ އުނދަގުލާއި ހިތްދަތިކަން ވަރަށް ރަނގަޅަށް ވިސްނިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެފަދަ ބޭފުޅަކު އެދިވަޑައިގަތީމައި އަޅުގަނޑަށް ފަސޭހަކަމެއް ނޫން އެއީ ބޭރުން ލިބެން ޖެހޭ ބޭސްފަރުވާއަކުން މަހުރޫމްކޮށްގެން ގެންގުޅުމަކީ. ހުދު އަޅުގަނޑަކީ ވެސް އެފަދަ ހިތްދަތި ކަމެއް އުފުލަން ޖެހުނު މީހެއް. އަޅުގަނޑު ނަޝީދުގެ އެދިވަޑައިގަތުމަށް އިހުސާންތެރިކަން މި އިސްކުރީ،" ރައީސް ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ ގައުމުގެ ރައީސްކަން ކުރެއްވި ބޭފުޅަކު އަޅުގަނޑު ގަބޫލުކުރަނީ އެމަނިކުފާނު ދެއްވި އިތުބާރާ އެކީ، ބޭސްފަރުވާ ނިންމަވައިގެން ޝިފާ ލިބިވަޑައިގެން އަނެއްކާ ވެސް ގައުމަށް ހިދުމަތްކުރުމަށް ވަޑައިގަތުމުގެ އިންތިޒާރުގައި އަޅުގަނޑުމެން ތިބި ވާހަކަ މިރޭ ވެސް ދަންނަވާލަން،"

ކުރީގެ ރައީސް ނަޝީދު ބެސްފަރުވާއަށް ލަންޑަނަށް ވަޑައިގަތުމުގެ ހުއްދަ ދިނީ، 30 ދުވަހަށެވެ. އަދި އެ ހުއްދަ ދިނީ ބަންޑާރަނައިބު މުހައްމަދު އަނިލްގެ ހާއްސަ ލަފައެއްގެ ދަށުންނެވެ. އަނިލް އެ ހުއްދަ ދެއްވަން ލަފާދެއްވީ ކުރީގެ ރައީސުންނަށް އިނާޔަތާއި ރައްކާތެރިކަން ލިބުމުގެ ގާނޫނުގެ ދަށުންނެވެ. ކަރެކްޝަންސް އިން ނިންމާފައި ވަނީ ނަޝީދު ބޭސްފަރުވާއަށް ފުރުސަތު ނުދިނުމަށެވެ. ނަޝީދު ބޭރަށް ފުރާވަޑައިގަތީ ވެސް އޮފިޝަލް ޕާސްޕޯޓްގަ އެވެ. އެކަމަށް ވެސް ހުއްދަ ދިނީ ކުރީގެ ރައީސުންނަށް ލިބޭ އިނާޔަތުގެ ދަށުންނެވެ.

ރައީސް ވިދާޅުވީ ނަޝީދުގެ ކުށެއް ނެތްކަން ސާބިތުކޮށްދެއްވަން ޖެހިވަޑައިގަންނަވާނީ ޝަރުއީ ދާއިރާގެ ތެރެއިން އެމަނިކުފާނު ކަމަށެވެ. އަދި ސުޕްރީމް ކޯޓުގައި އޮތް އެމަނިކުފާނުގެ މައްސަލައިގެ ތެރެއިން ހައްލުތައް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ވަކި މީހަކަށް ވާތީ ޝަރީއަތުން އެއްކިބާވެ ކުށަކުން ބަރީއަކުރުމަށް މަސައްކަތް ނުކުރައްވާނެ ކަމަށެވެ. އަދި ކުށެއް ނެތް ކަން ސާބިތުކޮށް ދިނުމަކީ ޝަރުއީ ދާއިރާގެ ތެރެއިން ކުރަން ޖެހޭނެ ކަމެއް ކަމަށް ދެކޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ނަޝީދަށް ވެސް އޮތީ އެގޮތް ކަމަށް ވެސް ވިދާޅުވި އެވެ.

"ކިތަންމެ ބޮޑު މީހަކު ވިޔަސް ކުޑަ މީހަކު ވިޔަސް ކުށެެއް ކޮސްފިއްޔާ ރައީސްއެއް ނޫން ނިންމާނީ މީހަކީ ކުށްވެރިއެއްތޯ ނުވަތަ ނޫންތޯ. އެކަން ނިންމާނީ ޝަރުއީ ދާއިރާއިން،" ރައީސް ވިދާޅުވި އެވެ.

6 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910