ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނާ ބައްދަލުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވުމާ ގުޅިގެން ނަޝީދާ ބައްދަލުކުރެއްވުމަށް ޔާމީން ދެކޮޅު ހައްދަވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރައީސް ނަޝީދު، ރައީސް ޔާމީނާ ބައްދަލުކުރެއްވުމަށް މަސައްކަތް ކުރެއްވީ ރާއްޖޭގައި ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނީ ރައީސް ނަޝީދުގެ ހުށަހެޅުއްވުމާ އެއްގޮތަށް ބައްދަލުކުރެއްވުމަށް ރައީސް ޔާމީން އުޒުރުވެރިވެވަޑައިގަތުމާ ގުޅިގެން އެކަން މަޖިލީހުގެ އިދާރާއަށް އަންގާފައިވާ ކަމަށެވެ.
ދަ ޑިމޮކްރެޓްސްގެ މެންބަރުންނާ އިއްޔެ ބައްދަލުކުރައްވާ ނަޝީދު ވިދާޅުވީ މިމަހުގެ 25 ވަނަ ދުވަހު ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ޕީޕީއެމް އާއި އެމްޑީޕީއަށް ހުށަހެޅުމުން ޕީޕީއެމް އިން އެކަމާ ގުޅޭ ލިޔުމެއްގައި ސޮއިކުރަން ދެކޮޅު ހަދާފައިވާ ކަމަށެވެ. އެމްޑީޕީން ޖަވާބެއް ނުދޭ ކަމަށާއި ނަމަވެސް އެ ޕާޓީން ޖަވާބެއް ނުދިނަސް ޑިމޮކްރެޓުން ދެ ދުވަހެއްގެ ތެރޭގައި ގޮތްތަކެއް ނިންމަންޖެހޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ރައީސް ޔާމީނާ ބައްދަލުކުރެއްވުމަށް އެމަނިކުފާނު މަސައްކަތް ކުރެއްވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައީސް ޔާމީންގެ ލަފައާއި މަޝްވަރާވެސް ބޭނުންވާތީ އެވެ.
"ވެރިކަމުގެ ނިޒާމަށް ބަދަލެއް ގެންނައިރު ރައީސް ޔާމީނާވެސް މިކަމުގައި މަޝްވަރާކުރުން ކޮންމެހެން ބޭނުންތެރި. ރައީސް ޔާމީންގެ އަރިހުގައި ދަންނަވަން ބޭނުންވަނީ ވެރިކަމުގެ ނިޒާމަށް ބަދަލެއް ގެންނަން 25 ވަނަ ދުވަހުގެ ކުރީގައި އެވޯޓު ނެގުމުގައި އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތަކާ އަަދި އަޅުގަނޑުމެންނަށް އެހީތެރިވެދެން އޮތްނަމަ އެވާހަކައެއް،" ނަޝީދު ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ބުނީ ނިޒާމީ ވޯޓެއް ނަގާނަމަ އެކަމަށް ތައްޔާރުވުމަށް ގާތްގަނޑަކަށް 30 ދުވަސް ބޭނުންވާނެ ކަމަށާއި އަދި މަދުވެގެން 40 މިލިއަނެއްހާ ރުފިޔާގެ ބަޖެޓެއް ބޭނުންވާނެ ކަމަށެވެ.
ދަ ޑިމޮކްރެޓްސް ފިޔަވާ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ތާއީދުކޮށް އެއްވެސް ސިޔާސީ ޕާޓީއަކުން ވާހަކައެއް ނުދައްކަ އެވެ.