މިނިސްޓްރީ އޮފް ހެލްތު

ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލުކުރުމަށް ކެމްޕޭނެއް ފަށައިފި

ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް ގިނަވެ ތަފާތު ގޮންޖެހުންތައް ކުރިމަތިވެފައިވާތީ އެކަން ކޮންޓްރޯލް ކުރުމަށް ކެމްޕޭނެއް ފަށައިފި އެވެ.

ކުރުނބާ މޯލްޑިވްސްގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ކެމްޕޭން ފައްޓަވައިދެއްވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން މި ސަރަހައްދަށް ކަނޑައަޅާފައިވާ ޑިރެކްޓަރު ޑރ. ޕޫނަމް ސިންހެވެ.

ހެލްތް މިނިސްޓްރީން ބުނި ގޮތުގައި ޑަބްލިއުއެޗްއޯގެ ފަންނީ މާހިރުންގެ ބެލުމުގެ ދަށުން ފ. އަތޮޅުގައި މިއަހަރު އެސެސްމެންޓެއް ހެދި އެވެ. އެ އެސެސްމެންޓަށް ބަލައި، "ޑިމޮންސްޓްރޭޝަން ސައިޓް"ގެ ގޮތުގައި ފ. އަތޮޅު ކަނޑައަޅާ ޕްރައިމަރީ ހެލްތްކެއާ އިތުރަށް ދިރުވާއާލާ ކުރުމުގެ މަޝްރޫއެއް އަންނަ އަހަރު ފެށުމަށް އެ މިނިސްޓްރީން ވަނީ ނިންމާފަ އެވެ.

ހެލްތު މިނިސްޓްރީން ބުނީ އެ ޕްރޮގްރާމަށް ފ. އަތޮޅު ހަމަޖެއްސީ ކައިރިކައިރީގައި ރަށްތައް ހުރުމުން ގިނަ ބަޔަކަށް ދަތުރުކުރުމުގައި ފަސޭހަވެ، ރަނގަޅު ސިއްހީ ނިޒާމެއް ގާއިމުވެފައި ހުރުމުން ކަމަށެވެ.

މިމަޝްރޫއުގެ ސަބަބުން ޕްރައިމަރީ ހެލްތް ކެއާގެ ލަނޑުދަނޑި ހާސިލްކުރުމަށް މަސައްކަތް ކުރެވި ދިވެހި ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުކުރެވިގެން ދާނެ ކަމުގައިވެސް މިނިސްޓްރީން ބުނެ އެވެ.

ރާއްޖޭގައި ގައިގަޔަށް ނާރާ ބަލިތަކުގައި މަރުވާ މީހުންގެ އަދަދު އިތުރުވެފައިވާއިރު މީގެތެރެއިން އެންމެ ގިނައިން މީހުން މަރުވާން ދިމާވަނީ ހިތުގެ މައްސަލަތަކުގައި ކަމަށް ތަފާސްހިސާބުތަކުން ހާމަވެ އެވެ.

މީގެއިތުރުން ސްޓްރޯކް، ކެންސަރު، ހަކުރުބަލި އަދި ނޭވާލާ ނިޒާމާ ގުޅޭ ބަލިތަކުގެ ސަބަބުން މީހުން މަރުވާ އަދަދުވެސް ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. މިފަދަ ބަލިތަކާއި ނަފްސާނީ ބައެއް ބަލިތަކަކީ އުމުރު ދުވަހަށް ފަރުވާ ކުރަންޖެހޭ އަދި ނުކުޅެދުންތެރިކަން ތަހައްމަލް ކުރަންޖެހޭ ބަލިތަކެކެވެ.

ދުރާލާ ދެނެގަނެ ފަރުވާ ހޯދައިފިނަމަ މީގެ ތެރެއިން ގިނަ ބަލިތަކަކީ އެބަލިތަކުން ރައްކާތެރި ވެވިދާނެ ބަލިތަކެކެވެ. މި ބަލިތައް އަވަހަށް ދެނެގަތުމާއިއެކު، ފަރުވާދިނުމަށް ރާއްޖޭގައި ޕްރައިމަރީ ހެލްތު ކެއާގެ ނިޒާމު އިތުރަށް ދިރުވާ އާލާކޮށް ހަރުދަނާކުރުމަކީ މުހިއްމު ކަމެއް ކަމުގައި ހެލްތް މިނިސްޓްރީން ބުނެ އެވެ.