ފިނިޕޭޖް

ޕެރެމައުންޓްގެ "އެޓް މިޑްނައިޓް"ގެ މަސައްކަތް ފަށައިފި

ޕެރެމައުންޓް ޕްލަސް އިން އޮރިޖިނަލް ރޮމޭންޓިކް ކޮމެޑީ "އެޓް މިޑްނައިޓް" ހަދަމުން އެބަދެ އެވެ. މިއީ ރޮމޭންޓިކް ކޮމެޑީ ބެލުމަށް ލޯބިކުރާ ފަރާތްތައް ބަލާލުން ރަނގަޅު ފިލްމެއް ކަމަށް ލަފާކުރެވެ އެވެ.

"އެޓް މިޑްނައިޓް"ގައި ލީޑް ރޯލް އަދާކުރަނީ "ޓޮޕް ގަން: މެވްރިކް" ކުޅުނު މޮނިކާ ބާބަރޯ އާއި "ފާދާ އޮފް ދަ ބްރައިޑް"ގެ ޑިއޭގޯ ބޮނޭޓާއެވެ.

މީގެ އިތުރުން ކޭސީ ތޯމަސް ބްރައުން، ކެތަރިން ކޯއެން، އެންޑާސް ހޯމް، ފެނަންޑޯ ކާސާ، ވިޓްނީ ކަމިންގްސް އާއި މާޔާ ޒަޕާޓާ މި ފިލްމްގައި ހިމެނެ އެވެ.

މި ފިލްމްގައި ފެނިގެންދާނީ ކުރިއަރަން ބޭނުންވާ ހޮޓެލް މެނޭޖަރެއް ކަމުގައިވާ އެލެހަންޑްރޯ (ޑިއޭގޯ ބޮނޭޓާ) އާއި ފިލްމީ ތަރި ސޯފީ (މޮނިކާ ބާބަރޯ)ގެ ވާހަކަ އެވެ.

އެލެހަންޑްރޯ މަސައްކަތް ކުރަނީ އޭނާގެ އަމިއްލަ ބުޓީކް ހޮޓަލެއް ހުޅުވުމަށެވެ. ސޯފީ މަސައްކަތް ކުރަނީ އޭނާގެ އެންމެ ފަހުގެ ސުޕަހީރޯ ފިލްމް ނިންމައި، އަމިއްލަ ސްޕިން އޮފް އެއް ލިބޭތޯ އެވެ. ސޯފީއަށް އޭނާގެ ކޯސްޓާ އަދި ލޯބިވެރިޔާ އެޑަމް (އެންޑާސް ހޯމް) ބޭވަފާތެރި ވަނިކޮށް ފެނެ އެވެ. ދެން ސޯފީގެ ފިލްމު ޝޫޓިންއަށް އެލެހަންޑްރޯ މަސައްކަތްކުރާ ހޮޓެލްއަށް އައުމުން، އެ ދެމީހުން ދިމާވެ އެވެ.

މި ފިލްމް ޑައިރެކްޓް ކުރަނީ "ޑޭޓިން އެންޑް ނިއު ޔޯކް"ގެ ޑައިރެކްޓަރު ޖޯނާ ފައިންގޯލްޑް އެވެ.

"އެޓް މިޑްނައިޓް" ފުރަތަމަ ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ 10 ވަނަ ދުވަހު ނޯތް އެމެރިކާއާއި ބައެއް ސަރަހައްދުތަކަށެވެ. އެހެން ގައުމުތަކަށް ރިލީޒްކުރާނެ ތާރީހު އަދި ހާމަކޮށްފައެއް ނުވެ އެވެ.