ފިނިޕޭޖް

ހިލަރީ ސްވޭންކްއަށް ލިބެނީ ޓްވިންސެއް

އޮސްކާ އާއި ގިނަ އެވޯޑްތަކެއް ލިބިފައިވާ ހުނަރުވެރި ފިލްމީ ތަރީ ހިލަރީ ސްވޭންކްއަށް ޓްވިންސް ކުދިން ލިބެނީ އެވެ.

މިއީ 48 އަހަރުގެ ހިލަރީ މާބަނޑުވި ފުރަތަމަ ފަހަރެވެ. އަދި ވިހާނެ ކަމަށް ދީފައިވާ ތާރީހަކީ ހިލަރީގެ މަރުވެފައިވާ ބައްޕަގެ އުފަންދުވަސް ކަމަށް ހިލަރީ ބުންޏެވެ.

ހިލަރީ އިންސްތަގްރާމްގައި ހިއްސާކުރި ފޮޓޯއެއްގައި އޭނާގެ ބޮޑުވަމުން އަންނަ ބަނޑު ރީތިކޮށް ފާހަގަވެ އެވެ.

ހިލަރީ ބަލިވެއިންކަން ހާމަކޮށްފައިވަނީ އޮކްޓޯބަރު މަހު "ގުޑް މޯނިން އެމެރިކާ" ޝޯގަ އެވެ. އަދި އޭގެ ފަހުން އިންސްތަގްރާމްގައި ޑަބަލް ފީޗާ އަންނަނީ ކަމުގައި ލިޔެ، ޕޯސްޓް ކުރި އެވެ.

ދަރިން ހޯދުމާބެހޭ ގޮތުން ވާހަކަ ދައްކަމުން ހިލަރީ ބުނީ އޭނާ ކުދިން ވަރަށް ބޭނުންވާ ކަމަށާއި އެހެން ނަމަވެސް އޭނާގެ ކެރިއަރަށް ސަމާލުކަންދީ، އަދި ލޯބީގެ ގުޅުންތައް ނާކާމިޔުބުވުމުން، އެކަން ހަމައަކަށް އެޅެންދެން ކުދިން ހޯދުން މަޑުކުރީ ކަމަށެވެ.

ހިލަރީ ފުރަތަމަ ކައިވެނި ކުރީ ފިލްމީ ތަރި ޗެޑް ލޯ އާ އެވެ. ހިލަރީގެ ކެރިއަރު ކުރިއަރަމުން ދިޔައިރު، މި ކައިވެނި ވަނީ 10 އަހަރަށްފަހު ރޫޅިފަ އެވެ. އޭގެ ފަހުން ދެ މީހަކާ ލޯބީގެ ގޮތުން ގުޅުނު ނަމަވެސް، މި ދެ ގުޅުން ވަނީ ރޫޅިފަ އެވެ. ހިލަރީގެ މިހާރުގެ ފިރިމީހާ ފިލިޕް ޝްނައިޑާ އާ ކައިވެނިކުރީ 2018 ވަނަ އަހަރު އެވެ.

ހިލަރީގެ ކެރިއަރަށް ބަލާއިރު، ހިލަރީ މިހާރު ކުޅެމުން ދަނީ "އެލަސްކާ ޑެއިލީ" ކިޔާ ސީރީޒެކެވެ.