ފިނިޕޭޖް

"65"ގެ ޓްރޭލާ ބަލައިފިންތަ؟

ސޮނީ ޕިކްޗާސް އެންޓަޓޭންމަންޓުން ހަދަމުންދާ "65" ގެ ޓްރޭލާ ނެރެފި އެވެ.

"65" އަކީ ފިއުޗަރިސްޓިކް / ޓައިމް ޓްރެވަލް އެކުލެވޭ ފިލްމެކެވެ. މި ފިލްމްގައި 39 އަހަރުގެ އެޑަމް ޑްރައިވާގެ ކެރެކްޓާ މިލްސް އަކީ ސްޕޭސް ޕައިލެޓެކެވެ.

މިލްސްގެ ސްޕޭސްޝިޕް އެސްޓެރޮއިޑެއްގައި ޖެހި އެހެން ޕްލެނެޓަކަށް ވަރަށް ބޮޑަށް ގެއްލުންވެ އެ ސްޕޭސްޝިޕްގައި ދަތުރުކުރި 35 ފަސިންޖަރުންގެ ތެރެއިން ސަލާމަތްވަނީ މިލްސް އާއި ކޯއާ (އާރިއާނާ ގްރީންބްލެޓް) އެކަންޏެވެ. އަދި މިލްސް ކޯއާ ސަލާމަތްކޮށް ހިމާޔަތްކުރަން މަސައްކަތް ކުރެ އެވެ.

މިލްސް އަކީ އެހެން ބަޔަކާއެކު އިންސާނުން ދިރިއުޅޭނެ އާ ޕްލެނެޓެއް ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ މީހެކެވެ.

ޓްރޭލާއިން ފެންނަ ގޮތުގައި މިލްސްއަށް އިހްސާސްވަނީ އެ ޕްލެނެޓަކީ 65 މިލިއަން އަހަރު ކުރީގެ ދުނިޔެ ގޮތުގަ އެވެ. އަދި ޑައިނޮސާ ފަދަ ޕްރީހިސްޓޮރިކް ޕްރިޑޭޓާސް އެތާނގައި ދިރިއުޅޭ ކަމަށެވެ. މިލްސް އެ އެއްޗިއްސާ ހަނގުރާމަ ކުރަންޖެހެނީ އޭނާގެ ސްޕޭސްޝިޕްގައި ހުރި މަދު ހަތިޔާރު ބޭނުންކޮށްގެންނެވެ.

ސްކޮޓް ބެކް އާއި ބްރާޔަން ވުޑްސް ލިޔެ ޑައިރެކްޓްކުރި މި ފިލްމް ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗް 10 ވަނަ ދުވަހު އެވެ.

އެޑަމް ޑްރައިވާ އަކީ "ސްޓާ ވޯޒް" ޓްރިލޮޖީގައި ކައިލޯ ރެންގެ ރޯލް އަދާކުރި އެކްޓަރެވެ. މީގެ އިތުރުން އެޑަމް ވަނީ "ސައިލެންސް"، "މެރިޖް ސްޓޯރީ"، "ދަ ރިޕޯޓް"، އަދި "ލޯގަން ލަކީ" ފަދަ ފިލްމުތައް ކުޅެފަ އެވެ.