ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލުން ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާ އަންނަ މަހު

ބޭންކް އޮފް މޯލްޑިވްސްގެ ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާ ޖެނުއަރީ 10 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި މި ޖަލްސާ އޮންނާނީ އެ ދުވަހުގެ ހެނދުނު 10:00ގައި މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީ (އެމްއެސްޑީ) ގެ އޮންލައިން މީޓިން މެނޭޖްމެންޓް ސިސްޓަމް "ފަހިވޯޓް" މެދުވެރިކޮށެވެ.

މި ޖަލްސާގައި 39 ވަނަ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި ޑިރެކްޓަރުންގެ ބޯޑަށް މެމްބަރުން އައްޔަންކުރުން ހިމެނެ އެވެ. އަދި ހިއްސާދާރުންގެ ސުވާލުތަކަށް ޑިރެކްޓަރުންގެ ބޯޑުން ޖަވާބު ދިނުންވެސް ހިމެނެ އެވެ.

އެ ޖަލްސާގައި ބައިވެރިވެވޭނީ މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ބީއެމްއެލްގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ ހިއްސާދާރުންނަށެވެ.

ބީއެމްއެލް އިން ބުނީ ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުން އަދި ޕްރޮކްސީ ހޯލްޑަރުން ރަޖިސްޓްރީވުމުގެ ފުރުސަތު މާދަމާ 10:00 އިން ޖެނުއަރީ އަށްވަނަ ދުވަހުގެ 10:00ގެ ނިޔަލަށް ހުޅުވާލާނެ ކަމަށެވެ.

ހިއްސާދާރުންނާއި ޕްރޮކްސީ ހޯލްޑަރުން ވޯޓު ދިނުމަށް ހަމަޖެހިފައިވަނީ "ފަހިވޯޓް" މެދުވެރިކޮށެވެ.

ބީއެމްއެލްގެ 39 ވަނަ އަހަރީ އާންމު ޖަލްސާ ބޭއްވީ މޭ 29، 2022ގަ އެވެ.