އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ

ނަޝީދުގެ ތާއީދު ފޯމު ފުރަން ހުޅުމާލެއަށް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމަވާފައިވާ އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ހޯދުމަށް ފޯމުގައި ސޮއިކުރުން ހުޅުމާލޭގައިވެސް ކުރިއަށްގެންދަން ނިންމައިފި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ޕްރައިމަރީގައި ވާދަކުރުމަށް ޕާޓީގެ 500 މެންބަރުންގެ ތާއީދާއެކު މިމަހުގެ 24 ވަނަ ދުވަހުގެ ހަވީރު 4:00ގެ ކުރިން ފޯމު ހުށަހަޅަން ޖެހެ އެވެ.

ރައީސް ނަޝީދު އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ތާއީދު ހޯދުމަށް ފޯމުގައި ސޮއިކުރުން އޮންނާނީ މިއަދު ހަވީރު 4:00ގައި ހުޅުމާލެ ސެންޓްރަލް ޕާކް ކުރިމަތީގަ އެވެ.

ނަޝީދުގެ ތާއީދު ފޯމުގައި ސޮއިކުރުން އިއްޔެ ވަނީ މާލޭގައި ކުރިއަށް ގެންގޮސްފަ އެވެ.

އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް އެމްޑީޕީން ނިންމާފައިވަނީ ޖެނުއަަރީ 28 ވަނަ ދުވަހު އެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވާދަކުރައްވާނެކަން ވަނީ އިއުލާނު ކުރައްވާފަ އެވެ.

ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ޓައިމްލައިންގައިވާ ގޮތުން ކެންޑިޑޭޓުންގެ ފައިނަލް ލިސްޓު ކެންޑިޑޭޓް ނަންބަރާ އެކު އިއުލާން ކުރާނީ މިމަހުގެ 26 ވަނަ ދުވަހު އެވެ.

ރިޔާސީ ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ ލިސްޓް އާންމުކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް މިމަހުގެ 28 ވަނަ ދުވަހު ހުޅުވާލާނެ އެވެ. ޝަކުވާ ބަލައިގަތުމުގެ މުއްދަތު ހަމަވާނީ މިމަހުގެ 31 ވަނަ ދުވަހުގެ ހަވީރު 4:00 އަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ލެވޭ މީހުންގެ ދާއިމީ ލިސްޓް ޖެނުއަރީ ތިންވަނަ ދުވަހު އާންމުކުރާނެ އެވެ. ކެންޑިޑޭޓުންގެ މަންދޫބުންނަށް ފުރުސަތު ހުޅުވާލާނީ ޖެނުއަރީ 10 ވަނަ ދުވަހު އެވެ. އެ ފުރުސަތު ބަންދުވާނީ ޖެނުއަރީ 15 ވަނަ ދުވަހު އެވެ.