ފިނިޕޭޖް

ހެންރީ ކެވިލް ސުޕަމޭންގެ ރޯލުން ނުފެންނާނެ ކަމަށް ބުނެފި

ޑީސީގެ އެކްސްޓެންޑެޑް ޔުނިވާސްގައި ސުޕަމޭން ރޯލް އަދާކުރަމުންދާ ހެންރީ ކެވިލް، ސުޕަމޭން ރޯލުން ދެން ނުފެންނާނެ ކަމަށް ބުނެފި އެވެ.

"ބްލެކް އެޑަމް"ގެ ކޭމިއޯއަށް ފަހު، ސުޕަމޭންގެ ސިކުއެލްއިން ފެންނާނެ ކަމަށް ހެންރީ އިއުލާންކޮށްފައިވަނީ މިދިޔަ އޮކްޓޯބަރު މަހު ފަހުކޮޅެވެ.

އޭގެ ފަހުން ހެންރީ ސުޕަމޭންގެ ސިކުއަލްގައި ނުހިމަނަން ނިންމާފައިވަނީ ޑީސީ ސްޓޫޑިއޯޒްއާ އަލަށް ހަވާލުވި ޖޭމްސް ގަން އާއި ޕީޓާ ސަފްރާން އެވެ.

"ގާޑިއަން އޮފް ދަ ގެލެކްސީޒް"ގެ ޑައިރެކްޓަރު ޖޭމްސް ގަން ބުނީ އެމީހުން ޑީސީގެ އެކްސްޓެންޑެޑް ޔުނިވާސް އާ މިސްރާބަކަށް ބަދަލުކުރާނެ ކަމަށާއި އެގޮތުން ޖޭމްސް ލިޔާ ސުޕަމޭން ވާހަކައިގައި ހިމެނެނީ މިހާރަށް ވުރެ އުމުރުން ޅަ ސުޕަމޭންއެއް ކަމަށެވެ. އެހެންކަމުން އުމުރުން ހަގު އެހެން އެކްޓަރަކު ސުޕަމޭންގެ ރޯލަށް ކާސްޓު ކުރެވިގެންދާނެ ކަމަށް ބުނެފައިވެ އެވެ.

މިހަބަރު އިއުލާންކޮށްފައި މިވަނީ ޑީސީ ސްޓޫޑިއޯޒްގެ މައި ކުންފުނި -- ވޯނާ ބްރަދާސް ޑިސްކަވަރީ އިންކްއަށް އާ މެނޭޖްމަންޓެއް ގެނައުމަށްފަހު ގިނަ އަދަދެއްގެ ޕްރޮޖެކްޓްތައް ކެންސަލްކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

ކެންސަލް ކުރާ ޕްރޮޖެކްޓްތަކުގެ ތެރޭގައި "ވޮންޑާވުމަން 3" ވެސް ހިމެނޭ ކަމަށް އަޑުފެތުރިފައިވެ އެވެ.

ދެހާސްތޭރަވަނަ އަހަރު ނެރުނު "މޭން އޮފް ސްޓީލް" އިން ސުޕަމޭންގެ ގޮތުގައި ތައާރަފްވުމަށްފަހު، ހެންރީ ކެވިލް ވަނީ "ބެޓްމޭން ވާސަސް ސުޕަމޭން: ޑޯން އޮފް ޖަސްޓިސް"، "ޖަސްޓިސް ލީގް"، "ޒެކް ސްނައިޑާސް ޖަސްޓިސް ލީގް" އަދި "ބްލެކް އެޑަމް"ގައި ސުޕަމޭންގެ ރޯލް އަދާކޮށްފަ އެވެ. އަދި ސުޕަމޭންގެ ސިކުއަލް ކުޅުމަށްޓަކައި ހެންރީ ވަނީ ނެޓްފްލިކްސްގެ ކާމިޔާބު ސީރީޒް ކަމުގައިވާ "ދަ ވިޗާ" އިން ވަކިވެފަ އެވެ.

މި ހަބަރާ ގުޅިގެން ފޭނުން ވަނީ ސޯޝަލް މީޑިއާގައި ޖޭމްސް ގަން އަށް ވަރަށް ބޮޑަށް ފާޑުކިޔާ، އޭނާގެ ނިންމުންތަކަށް ސުވާލު އުފައްދާފަ އެވެ.